ބުރާސްފަތި, މާރޗް 13, 2025
spot_img
- Advertisement -spot_img

ހއ. އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި ޑައިލިސިސް ޚިދުމަތް ފަށައިފި

ހއ. އިހަވަންދޫގައި ހުންނަ އާމިނާދިޔޯ ޞިއްޙީ މަރުކަޒުގައި ޑައިލިސިސް ޚިދުމަތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މިއަދު ފައްޓަވައި ދެއްވައިފިއެވެ.

އެ ކަމަނާ މި ޚިދުމަތް ފައްޓަވައިދެއްވީ މިކަމަށްޓަކައި މިއަދު ހަވީރު އިހަވަންދޫ ސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ހިދުމަތް ފައްޓަވައި ދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ވަނީ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވާފައެވެ. އެކަމަނާގެ ވާހަކަފުޅުގައި ޑައިލިސިސްގެ ޚިދުމަތް އަމިއްލަ ރަށުގައި ތިބެގެން ލިބޭނެ މަގު ފަހިވެގެން ދިއުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޑައިލިސިސްގެ ޚިދުމަތް ދެވޭ މަރުކަޒުތައް އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަރަށް ޚާއްސަކަމެއް ދެއްވައިގެން އެމަނިކުފާނުގެ އިސްނެންގެވުމާއެކު ކުރައްވަމުންގެންދަވާ މަސައްކަތެއްކަން ވަނީ ފާހަގަކުރައްވާފައެވެ.

އެ ކަމަނާގެ މި ދަތުރުފުޅުގައި، ޑައިލިސިސް ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު ވަނީ އާމިނާދިޔޯ ޞިއްޙީ މަރުކަޒަށް ޒިޔާރަތް ކުރައްވައި، އެ މަރުކަޒުގައި ޑައިލިސިސް ޚިދުމަތް ދިނުމަށް ކުރެވިފައިވާ އިންތިޒާމުތައް ވަނީ ބައްލަވާލައްވާފައެވެ.

ހއ. އިހަވަންދޫގައި މި ޚިދުމަތް ބޭނުންވާ ޖުމްލަ 6 މީހުން ދިރިއުޅޭއިރު، މި ޚިދުމަތް ފައްޓަވައިދެއްވުމާއެކު އެއް ބޭފުޅަކު މިއަދު ވަނީ ޑައިލިސިސްގެ ޚިދުމަތް އެ މަރުކަޒުން ހޯއްދަވާފައެވެ. މިޚިދުމަތާއިއެކު އެ މަރުކަޒުގައި މިއަދު ވަނީ ފިޒީޝަނެއްގެ ޚިދުމަތްވެސް ދެއްވަން ފައްޓަވާފައެވެ.

ގުޅުންހުރި ލިޔުންތައް