- Advertisement -spot_img

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފުލެޓް ކެޓަގަރީގެ ޝަރުޠުތައް އިސްލާޙުކޮށް، ފްލެޓަށް އެދެން ހުޅުވާލަނީ

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން ޚާއްޞަ އިސްކަންދޭ ”ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ“ ގެ ޝަރުޠުތައް އިސްލާޙުކޮށް، ފުލެޓަށް އެދި ހުޅުވާލަން ސަރުކާރުން ތައްޔާރުވެއްޖެއެވެ. މިކަން ހާމަކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިންނެވެ.

އެ ވުޒާރާއިން ބުނީ ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ހިންގާ ”އާޢިލީ ބޯހިޔާވަހިކަން“ ޕުރޮގުރާމުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަކިން އެޕްލިކޭޝަން ހުށަހެޅޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. މީގެ އިތުރުން އެ ކެޓަގަރީގެ ޝަރުތުތަކާއި، ޕޮއިންޓު ދިނުމުގެ އުސޫލުގެ އިތުރުން ހައުސިންގ ޔުނިޓު ކަނޑައަޅާ ގޮތްތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

މި އުސޫލުގެ ދަށުން ފްލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 ވާ އަންގާރަ ދުވަހު އެވެ. އެ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވޭނެއެވެ.

ފުލެޓަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ 30 އެޕްރީލް ވާ ބުރާސްފަތި ދުވަހުގެ 23:59 އެވެ. ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅަން ޖެހެނީ ގެދޮރުވެރިކަމާ ބެހޭ ވުޒާރާގެ ޚާއްޞަ ޕޯޓަލް https://boahiyaavahikan.housing.gov.mv މެދުވެރިކޮށެވެ.

މި އިސްލާޙުތަކާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި މިހާރަށްވުރެ ހަރުދަނާ އަދި ލުއިފަސޭހަ އުސޫލުތަކެއް ތަންފީޒުވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

ގުޅުންހުރި ލިޔުންތައް