އިރާނުގެ ދުޝްމަނުންނަށް މެދުއިރުމަތީގެ ގައުމުތަކުން އެންމެ ލީޓަރެއްގެ ތެޔޮވެސް އެކްސްޕޯޓު ވުމުގެ ފުރުސަތު ނުދޭނެ ކަމުގެ އިންޒާރު އިރާނުގެ ރެވޮލިއުޝަނަރީ ގާޑްސްއިން ދީފިއެވެ.
އައިއާރްޖީސީގެ ތަރުޖަމާނު ރޭ ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވިދާޅުވީ އިރާނުގެ ދުޝްމަނުންނާއި ދުޝްމަނުންގެ ވާގިވެރިންނަށް މެދުއިރުމަތިން ތެޔޮ އެކްސްޕޯޓު ކުރަން ހުރި ހުރިހާ ދޮރުތަކެއް ބަންދުކުރަމުންދާ ކަމަށާއި އެފުރުސަތު ދޭން އިރާނުން ދެކޮޅު ހަދާކަމަށެވެ.
އަދި ހޯމުޒް ކަނޑުއޮޅި މިހާރު ހުޅުވިފައިވާ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ހަދަމުންދަނީ ދޮގު ކަމަށާއި މިހާރުވެސް އެ ކަނޑުއޮޅީގެ ފުރިހަމަ ކޮންޓްރޯލް އޮތީ އައިއާރްޖީސީގެ ބެލުމުގެ ދަށުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ހޯމުޒް ކަނޑުއޮޅި ބަންދުކޮށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އިތުރަށް ގަލްފުގެ އެހެން ކަނޑުއޮޅިތަކުން ދަތުރުކުރާ ދުޝްމަނުންގެ ބޯޓުތަކަށްވެސް އިތުރު ފިޔަވަޅުތަކެއް އެޅުމާއި މެދު މަޝްވަރާތަކެއް ކުރިޔަށްދާކަންވެސް ތަރުޖަމާނު ފާހަގަކުރެއްވި އެވެ.
ރޭގެ ބަސްދީގަތުމުގައި ތަރުޖަމާނު ވަނީ މިހާރު މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލުމުގެ ފުރިހަމަ ކޮންޓްރޯލް އޮތީ އިރާނުގައިކަންވެސް ފާހަގަކުރައްވާފައި އެވެ.
އެމެރިކާ އިސްވެ އޮވެ އިޒްރޭލުގެ ބައިވެރިވުމާއިއެކު އިރާނަށް ހަމަލާ ދޭން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ. މިއާއިއެކު އިރާނުންވެސް ވަރުގަދަ ރައްދު ހަމަލާތަކެއް ދޭން ފަށާފައިވާއިރު މެދުއިރުމަތީގެ ހާލަތު އޮތީ ވަރަށް ގޯސްކޮށެވެ. ވަކީން ޚާއްސަކޮށް އިރާނުން މެދުއިރުމަތީގެ ގިނަ ގައުމުތަކަށް ހަމަލާތައް ދެމުންދާތީ ތެލުގެ ވިޔަފާރިއަށް ބޮޑެތި ބުރޫތަކެއް އަރައި ތެލުގެ އަގު ދަނީ ވަރަށް ބޮޑަށް މަތިވަމުންނެވެ.



