- Advertisement -spot_img

އީރާނުގެ ރޫޙާނީ ލީޑަރަކަށް ޚާމަނާއީގެ ދަރިކަލުން މުޖުތަބާ

ޔަހޫދީންނާއި އެމެރިކާއިން އީރާނަށް ދެމުންދާ ޙަމަލާތަކުގައި ޝަހީދުކޮށްލާފައިވާ އެ ޤައުމުގެ ރޫޙާނީ ލީޑަރު އާޔަތުالله ޢަލީ ޚާމަނާއީގެ ބަދަލުގައި އެ މަޤާމަށް އެ މަނިކުފާނުގެ ދަރިކަލުން، މުޖުތަބާ ޙުސައިނީ ޚާމަނާއީ ޢައްޔަނުކުރުމަށް ނިންމައިފިއެވެ.

އީރާނުގެ ޤާނޫނު އަސާސީގައި ބަޔާންކުރާ ގޮތުން އެ ޤައުމުގެ ރޫޙީ ވެރިޔާ ޢައްޔަނުކުރުމުގެ ބާރު ލިބިގެން ވަނީ 88 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ އެ ޤައުމުގެ ތަޖުރިބާކާރުންގެ މަޖިލީހަށެވެ. އެ މަޖިލީހުން އައު ރޫޙާނީ ލީޑަރު ކަނޑައެޅުމުގައި އިސްކަންދީފައި ވަނީ ޝަހީދުވި ޚާމަނާއީ ދެއްވާފައިވާ އިރުޝާދަށެވެ.

އެ ގޮތުން އެ މަޤާމަށް އިސްކުރަން ވާނީ ދުޝްމަނުން އެ ބޭފުޅަކަށް ނަފްރަތުކުރާ ބޭފުޅެއް ކަމަށް ޚާމަނާއީ ވަނީ އިރުޝާދު ދެއްވައިފައެވެ. ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ ރޫޙާނީ ލީޑަރުގެ މަޤާމަށް ޙުސައިނީ ޢައްޔަނު ކުރުމަކީ އެމެރިކާއަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ. އައު ރޫޙާނީ ލީޑަރު ކަނޑައެޅުމުގައި އެމެރިކާއިން ރުހޭ ބޭފުޅަކު ޢައްޔަނު ނުކުރާނަމަ، އެ މަޤާމަށް ޢައްޔަނުކުރާ ބޭފުޅަކަށް މާ ގިނަ ދުވަހު އެ މަޤާމުގައި ދެމި ނުހުރެވޭނެ ކަމަށް ވެސް ޓްރަމްޕް ވަނީ އިންޒާރުކޮށްފައެވެ.

ޔަހޫދީން ވަނީ އައު ރޫޙީ ވެރިޔާ ކަނޑައެޅުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިވާ ހުރިހާ ބޭފުޅުންނަށް ޙަމަލާ އަމާޒުކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

ގުޅުންހުރި ލިޔުންތައް