ބުރާސްފަތި, މާރޗް 13, 2025
spot_img
- Advertisement -spot_img

ނޭޝަނަލް މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2025-2029 އިފުތިތާހުކޮށްފި

ނޭޝަނަލް މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2025-2029 ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ރޭގައި އިފުތިތާހުކޮށްދެއްވައިފިއެވެ.

އެކަމަނާ މި ޕްލޭން އިފުތިތާހުކޮށްދެއްވީ ރޭގައި މިނިސްޓްރީ އޮފް ހެލްތުގައި މިކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ރޭގައި ތައާރަފު ކުރެވުނު ނޭޝަނަލް މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭނަކީ ކުރިއަށް އޮތް 5 އަހަރަށް ރާއްޖޭގެ ނަފްސާނީ ޞިއްޙަތުގެ ނިޒާމު ހަރުދަނާކުރުމަށް ގިނަ ކަންތައްތަކެއް ހިމަނާފައިވާ ޕްލޭނެކެވެ. އެގޮތުންނަފްސާނީ ޞިއްޙަތުގެ ޚިދުމަތްތައް ހަރުދަނާކުރުމާއި، ފަރުވާގެ ކަންކަން ފުޅާކުރުމުގެ އިތުރުން ހިމެނެއެވެ. އަދި މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަން ކުރިއެރުވުމާއެކު ރާއްޖޭގެ ނަފްސާނީ ޞިއްޙަތުގެ ނިޒާމު ހަރުދަނާ ކުރުންވެސް މިޕްލޭންގެ މަޤްސަދުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން މި ޕްލޭން ހިމަނާފައިވާ ކަންކަމުގެ ތެރޭގައި ޕްރައިމަރީ ހެލްތު ކެއަރގެ ތެރެއިން ނަފްސާނީ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ނިޒާމް ހަރުދަނާކުރުން ހިމެނެއެވެ. އަދި ނަފްސާނީ ޞިއްޙަތަށް ހޭލުންތެރިކަން އިތުރުކޮށް އެކަމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ސިޔާސަތުތަކާއި، ސްޓޭންޑާޑްތަކާއި، ގައިޑްލައިންތައް އެކުލަވާލުންވެސް މި ޕްލޭންގެ ތެރޭގައި ހިމެނެއެވެ. އަދި މީގެ އިތުރުން ޞިއްޙީ ޚިދުމަތްތެރިންގެ ހުނަރު އިތުރުކުރުމާއި، ނަފްސާނީ ބަލިތަކާމެދު އޮންނަ ނޭދެވޭ ވިސްނުން ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުންވެސް ހިމެނެއެވެ.

ރޭގައި އިފުތިތާހު ކުރެވުނު މި ޕްލޭންގެ ސަބަބުން އެކި އުމުރު ފުރާގެ މީހުންނަށް، ޚާއްޞަކޮށް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، އެކިއެކި ނާޒުކު ހާލަތްތަކުގައި ތިބޭ މީހުންގެ ނަފްސާނީ ޞިއްޙަތަށް އަހަންމިއްޔަތުކަން ދިނުމަށް އިސްކަންދީފައިވެއެވެ. ހަމަ މިގޮތަށް ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް އެ މުޖުތަމަޢުއަކީ، ނަފްސާނީ ގޮތުން ބާރުވެރި އަދި ޤާބިލު ބަޔަކު ދިރިއުޅޭ މުޖުތަމަޢުއަކަށް ހެދުމަށް ކަމާއި ގުޅުންހުރި ހުރިހާ ފަރާތްތަކެއް އެކުގައި މަސައްކަތްކުރުމަށް ވެސް މި ޕްލޭންގެ ސަބަބުން މަގުފަހިވެގެން ދާނއެވެ.

ދިވެހިރާއްޖޭގައި ނަފްސާނީ ޞިއްޙަތު ކުރިއެރުވުމަކީ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަދި ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ އެންމެ އަހަންމިއްޔަތުކަން ދެއްވާ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.

ގުޅުންހުރި ލިޔުންތައް