ގުޅީފަޅުގެ ނުހިއްކާ އޮތް ސަރަހައްދުން ގޯތި ލިބުނު ފަރާތްތަކަށް ހިއްކި ސަރަޙައްދުތަކުން ގޯތި ކަނޑައަޅުއްވައި ކުރިއަށް އޮތް ދެތިން މަސްދުވަސް ތެރޭގައި ރަޖިސްޓްރީ ހަވާލުކުރައްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ނިލަންދެއަތޮޅު ދެކުނުބުރީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު މީދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ރޭގައި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދއްކަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފަވަނީ، ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މިހާރު ބަދަލުގެނެވިފައިވާކަމަށެވެ. އަދި ގޯތި ލިބޭ މީހުންނަށް، ކަޑަޖަހައި، އިންވަކިކޮށް، ގޯތި ހަވާލުކުރުމުގެ މަސައްކަތްވެސް ކުރިއަށް އޮތް ދެތިން މަސްދުވަސް ތެރޭގައި ކުރިއަށްގެންދަވާނޭކަމުގެ ޔަޤީންކަން ދެއްވިއެވެ. މިކަމުން ހަމައެކަނި އިސްތިސްނާ ވާނީ، ބުރިޖު އަޅާ ސަރަޙައްދުން ގޯތި ލިބޭ މީހުން ކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ގިރާވަރު ފަޅުގެ މައްސަލައަށްވެސް ވަނީ އަލިއަޅުއްވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ކުރީ ސަރުކާރުން ހަދާފައިވާ އެއްބަސްވުން އުވާލައި، މި ސަރުކާރުން ބިންހިއްކުމުގެ މަސައްކަތާ ހަވާލުވާނެކަމަށެވެ. އެ މަސައްކަތް ނިމުނުހާ އަވަހަކަށް އެ ސަރަޙައްދުން ގޯތި ލިބުނު ފަރާތްތަކަށްވެސް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދާއި އެއްގޮތަށް ވަޢުދު ފުއްދަވައިދެއްވާނޭކަމަށެވެ.
އުތުރު ތިލަފަޅަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، ގޯތީގެ މައްސަލަ ޙައްލުކުރެއްވުމަށްޓަކައި، އެ ފަޅުން 125 ހެކްޓަރު ހިއްކުމުގެ މަސައްކަތް މި އަހަރު ފަށާނެކަމަށެވެ. އަދި މިމަސައްކަތް މި އަންނަ އަހަރުގެ ތެރޭގައި ނިންމަވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުންވެސް ހުޅުމާލޭ ފަޅުން ހިއްކާ ސަރަޙައްދުގެ މަސައްކަތްވެސް މި އަހަރުގެ ޖުލައި މަހާ ހަމައަށްދާއިރު ނިމޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި ފްލެޓް ލިސްޓުގެ މައްސަލަ މިހާރު ވަނީ ހައްލުކުރެއްވިފައި ކަމަށާއި، އިތުރަށް ލަސްކުރުމެއް ނެތި، މި ހަފުތާ ނިމުމުގެ ކުރިން ލިސްޓު ނެރުއްވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.