- Advertisement -spot_img

ބަނޑިދޫ މުއައްސަސާތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި

ނިލަންދެއަތޮޅު ދެކުނުބުރިއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގައި މިއަދު އެއަތޮޅު ބަނޑިދޫ އަށް ވަޑައިގެން ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމީޓީ އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

ބަނޑިދޫ ސްކޫލްގައި ކުރިޔަށް ގެންދިޔަ މިބައްދަލުވުމުގައި ރައްޔިތުންނަށް އެންމެ ދަތިވާ ކަންކަމާއި، ތަރައްޤީއަށް ބޭނުންވާކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިވެއެވެ.

މިބައްދަލުވުމުގައި ކައުންސިލުން ޙިއްސާ ކުރި ކަންތައްތަކުގެ ތެރޭގައި ރަށްގިރުމުގެ މައްސަލައާއި ރަށުގެ ބިމުގެ ދަތިކަން ހުރިކަން ފާހަގަކުރައްވައި މިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ރަށުގެ ތަރައްޤީއަށް، މަޝްރޫޢުތައް ހިންގުމަށް ރަށާކައިރީގައި އޮތް ކަންނެއްފަރު ރަށުގެ އިޚުތިޞާޞްގެ ތެރޭގައި ހިމަނުއްވައި ދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި މީގެއިތުރުން އެރަށު ސްކޫލަށް ބޭނުންވާ ވަޞީލަތްތަކާއި ސްކޫލުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ބޭފުޅުންވަނީ މި ސަރުކާރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ދެއްވާ އެއްބާރުލުމާ އަހަންމިއްޔަތުކަން ފާހަގަކުރައްވާފައެވެ. އަދި އ.ތ.މ ކޮމިޓީގެ މެންބަރުންގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް އެކަށީގެންވާ ޖާގައެއްނެތްކަން ފާހަގަކުރައްވައި އެކަމަށް ހައްލެއް ބޭނުންވާކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވަޒީރުން މެދުވެރިކުރައްވައި ކައުންސިލާއި، އތ.މ ކޮމިޓީ އަދި ބައެއް މުއައްސަސާތަކުގެ ވެރިން ފާހަގަކުރެއްވި ކަންކަމުގައި އެބޭފުޅުންގެ ދާއިރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ބަނޑިދޫ ޞިއްޙީ މަރުކަޒުގެ އިސް ބޭފުޅަކު ވަނީ ޞިއްޙީ މަރުކަޒަށް އެކްސްޓެންޝަން އިމާރާތެއް ބޭނުންވާކަމުގައި ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ބަނޑިދޫ އައިސްޕްލާންޓް މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އެމަނިކުފާނު ވަނީ އަލަށް ޤާއިމުކުރި ބޭންކް އޮފް މޯލްޑިވްސް އޭ.ޓީ.އެމްގެ ޚިދުމަތް އެރަށުގައި ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް