- Advertisement -spot_img

ދ. މާއެނބޫދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމީޓީ އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ދ. މާއެނބޫދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމީޓީ އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

މާއެނބޫދޫ ކައުންސިލް އިދާރާގައި ކުރިޔަށް ގެންދިޔަ މި ބައްދަލުވުމުގައި އެރަށުގެ ރައްޔިތުންނަށް އެންމެ ދަތިވާ ކަންކަމާއި، ތަރައްޤީއަށް ބޭނުންވާކަންކަމާ ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައިކަމަށް ރައީސް އޮފީހުން މަޢުލޫމާތު ދެއެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ފާހަގަކުރެއްވި ގޮތުގައި މިހާރު ހިނގަމުންދާ މަޝްރޫޢުތައް ހުއްޓުމެއް ނެތި ކުރިއަށްގެންދެވޭނެ މަގު ފަހިކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އެރަށުގައި އިންޓަނެޓްގެ ޚިދުމަތް ލިބުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރައްވައި، އެކަމަށް ހައްލެއް ހޯދއިދިނުމަށް ރައީސްގެ އަރިހުން ވަނީ އެދިފައެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖުކުރެވޭނެ ގޮތްތަކެއް ހައްދަވައިދެއްވުމަށްވެސް ކައުންސިލުން އެދުނެވެ. މީގެ އިތުރުން ރަށުގެ ޒުވާނުން ކުޅިވަރުގެ ދާއިރާއިން ބޭނުންވާ ކަންކަން ވެސް މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރައީސްއާއި ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި މިހާރު ހުއްޓިފައިވާ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ވަނީ ހިއްސާކުރައްވާފައެވެ. އަދި އެމަސައްކަތްތައް ކުރިޔަށް ގެންދާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދ. މާއެނބޫދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމީޓީ އަދި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް މިއަދު ބައްދަލުކުރެއްވުން  |  ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ވަޒީރުންނާއި ބައެއް ކުންފުނިތަކުގެ ވެރިން ވަނީ ރަށުގައި މިހާރު ހިންގާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގެކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ދ. މާއެނބޫދޫ ޞިއްޙީ މަރުކަޒަށް އަލަށް އިތުރުކުރެވުނު ބައިގެ އިމާރާތް ހުޅުއްވައިދެއްވާފައެވެ. އަދި އެމަނިކުފާނު ވަނީ އެރަށުގައި އަލަށް ޤާއިމުކުރި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.

ގުޅުންހުރި ލިޔުންތައް