ބުރާސްފަތި, މާރޗް 13, 2025
spot_img
- Advertisement -spot_img

ދ. ކުޑަހުވަދޫގައި 87 މިލިއަން ރުފިޔާގެ ފެނާއި ނަރުދަމާގެ މަޝްރޫއެއް ހިންގުމަށް އާރުޑީސީ އާއި ހަވާލުކޮށްފި

ދ. ކުޑަހުވަދޫގެ ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ އިތުރުން ދ. ކުޑަހުވަދޫގައި ޤާއިމުކުރި ފެނުގެ ނިޒާމުގެ ކެޕޭސިޓީ އިތުރުކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ.

ދ. ކުޑަހުވަދޫގައި ކުރިޔަށް ގެންދާ މިމަޝްރޫއުގެ ޖުމްލަ އަގަށް 87 މިލިއަން ރުފިޔާ ޚަރަދުވެއެވެ.

ކުޑަހުވަދޫގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައި އިމާރާތްކުރުމާ، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ. އާރުޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރެވެ. މި މަޝްރޫއުގެ ދަށުން ކުޑަހުވަދޫ ހިއްކި ސަރަހައްދުގައި ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ އިތުރުން މިހާރު ހުރި ފެނުގެ ނިޒާމުގެ ކެޕޭސިޓީވެސް އިތުރުކުރެވޭނެއެވެ.

މަޝްރޫއުގެ ދަށުން ދުވާލަކު 100 ޓަނުގެ ފެން އުފެއްދޭ ވަރުގެ ދެ އާރުއޯ ޕްލާންޓް އަދި 700 ޓަނުގެ ދެ ފެން ޓޭންކު ބެހެއްޓޭނެއެވެ. އަދި މީގެއިތުރުން ނަރުދަމާ ޕަންޕިން ސްޓޭޝަނާއި ޖަންކްޝަން ބެހެއްޓުމާއި އައުޓްފްލޯ އެޅުމުގެ މަސައްކަތް ކުރެވޭނެއެވެ. މި އެއްބަސްވުމުގެ ދަށުން މަސައްކަތްތައް ނިންމުމަށް ހަމަޖެހިފައިވަނީ 700 ދުވަހުގެ ތެރޭގައިއެވެ.

ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުޑަހުވަދޫގައި ހިއްކާފައިވާ ބިމުގައި ވޭތުވެދިޔަ 11 އަހަރު އެއްވެސް އަސާސީ ހިދުމަތެއް ގާއިމުކޮށްފައި ނުވާކަމީ ހިތާމަ ކުރާ ކަމެއްކަމުގައެވެ. އަދި މިހާރުގެ ސަރުކާރުން އެ ސަރަހައްދުގައި ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީ ހައުސިން ޔުނިޓުތައްވެސް އަޅާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް