އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ނޫރުލް އަޛާން ބަންގި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތާއި ފުރަތަމަ ބުރު މިރޭ ބާއްވަން ނިންމައިފިއެވެ.
ޖުމްލަ 10 ބައިވެރިންނާއެކު ކުރިއަށްދާ މި މުބާރާތުގެ ފައިނަލް ބުރަށް ދަތުރުކުރާނީ ފުރަތަމަ ބުރުން އެންމެ މަތިން މާކްސް ހޯދާ 6 ބައިވެރިންކަމަށް އެވުޒާރާއިން މަޢުލޫމާތުދެއެވެ. އަދި ފައިނަލް ބުރުގައި ވާދަކުރާ 6 ބައިވެރިންގެ ތެރެއިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި މިފަރާތްތަކަށް އިނާމު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ ފުރަތަމަ ބުރަށް ބައިވެރިން ހޮވުމަށް 20 ބައިވެރިން ވާދަކޮށް އެކަމަށް ހާއްސަ އޮޑިޝަނެއް ވަނީ ބާއްވާފައެވެ.
މި މުބާރާތުގެ މަޤުސަދަކީ ރީތި ރާޤުތަކަށް ޞައްޙަ މަގުން ހުނަރުވެރިކަމާއެކު ބަންގިދޭ ޒުވާނުންތަކެއް އުފެއްދުމާއި ޒުވާނުންނާއި ކުދިބޮޑު އެންމެންގެ ހިތްތަކުގައި އެކަމަށް ޝައުޤުވެރިކަން އުފެއްދުމާއި ޤައުމުގެ އިސްލާމީ ޝަޚްސިއްޔަތު ވަރުގަދަ ކުރުމާއި ރީތިކޮށް ބަންގިދޭ ޒުވާނުންގެ ޕޫލެއް އެކުލަވާލުންކަމަށް އެވުޒާރާއިން މަޢުލޫމާތު ދެއެވެ. އަދި މި ފަންނުގެ ރޫޙު އާލާކުރުމާއި ދިރުވުމާއި ކުރުއެރުވުމާއި އަދި މިއީ ދާއިރާއެއްގެ ގޮތުގައި ފާހަގަކޮށް މި ދާއިރާގައި އުޅުއްވާ ބޭފުޅުންގެ އަގުވަޒަންކުރުމާއި މާލެސިޓީއާއި މުޅި ރާއްޖޭގެ މުސްތަޤުބަލުގެ އިސްލާމީ ޝަޚްސިއްޔަތު ވަރުގަދަކުންވެސް މިކަމުގެ މަޤްސަދުގެ ތެރޭގައި ހިމެނެއެވެ.
މި މުބާރާތުން ވަނަތަކަށް އަންނަ ފަރާތްތަކަށް 1446 ވަނަ އަހަރުގެ ރަމަޟާން މަހު މާލޭގެ ބޮޑެތި މިސްކިތްތަކުގައި ހުކުރު ނަމާދުގެ ބަންގި ގޮވުމުގެ ފުރުސަތު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.



