ޒުވާނުން ބާރިވެރިކުރުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން އިން މަދަނީ ޖަމްއިއްޔާތަކަށާއި ޒުވާނުންނަށް ހާއްސަކޮށް މާހެފުމެއް ބާއްވައިފިއެވެ.
”ރަމަޟާން މަލާފަތް“ގެ ނަމުގައި ބޭއްވި މި މާހެފުމުގައި އެކި ޖަމްއިއްޔާތަކުންނާއި ޒުވާނުން ހިމެނޭގޮތަށް 100 އަށްވުރެ ގިނަ މީހުންވަނީ ބައިވެރިއެވެފައެވެ. މިހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ ޒުވާނުންގެ އިތުރުވެހި (ކުރީގެ މުލިއާގެ ވެހިކަލް ގަރާޖު) ގައެވެ.
މިނިސްޓްރީން މަދަނީ ޖަމްމިއްޔާތަކަށް އަދި ޒުވާނުންނަށް ހާއްސަކޮށް މާހެފުމެއް ބާއްވާފައިވާއިރު، ވަޒީރު އިބްރާހިމް ވަހީދު މިދިޔަ މަހު ތެރޭގައި ވަނީ މާލޭގެ މަދަނީ ޖަމްއިއްޔާތަކާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މަދަނީ ޖަމްއިއްޔާތަކުން ވަނީ ޖަމްއިއްޔާތަކުން ޕްރޮގުރާމުތައް ހިންގުމަށް ޖާގައެއް ނެތް ކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެކަމާ ގުޅިގެން މިނިސްޓަރ ވިދާޅުވީ، ޒުވާނުންގެ އިތުރުވެހިގެ މަސައްކަތް ނިމުމުން އެމައްސަލައަށް ހައްލެއް ލިބޭނެ ކަމަށެވެ.
މީގެ އިތުރުން މަދަނީ ޖަމްއިއްޔާތަކުން ހިންގާ މުޖުތަމައު ބާރުވެރިކުރުމުގެ މަޝްރޫއުތަކާއި، ހަރަކާތްތައް ހިންގުމަށް ފައިސާގެ އެހީ ދިނުމަށް ނިންމާ، މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ވަނީ ޑރ. މުއިއްޒުގެ ސަރުކާރުން އިއުލާންކޮށްފައެވެ.



