މާލޭގައި ދިރިއުޅޭ ރައްޔިތުންނާއި މާލެއަށް ޒިޔާރާތްކުރާ ފަރާތްތަކުން ބޭނުންކުރާ ރަސްފަންނާއި ސަލްޓަން ޕާކު މަރާމާތުކޮށް މިހާރަށްވުރެ ފުރިހަމަކޮށްދެއްވާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މާލޭގެ ހުޅަނގުފަރާތުގައި ހަދާފައިވާ ރަސްފަންނު މަރާމާތުތަކާއިއެކު ހުޅުވާފައިވަނީ 2016 ވަނަ އަހަރު ރައީސޫލް ޖުމްހޫރިއްޔާ ހައުސިންގ މިނިސްޓްރީގެ މަޤާމުގައި ހުންނެވި ދުވަސްވަރުއެވެ. އަދި ސަލްޓަންޕާކުގެ ކޮންސެޕްޓް ބަދަލުކޮށް އަލުން ހުޅުވީވެސް އެމަނިކުފާނު ހައުސިންގ މިނިސްޓަރަކަށް ހުރެގެންނެވެ. އެހެންނަމަވެސް ވޭތުވެދިޔަ އަހަރުތަކުގައި މާބޮޑު މަރާމާތުތަކެއް ނުކުރުމުގެ ސަބަބުން މި ދެތަންވެސް ވަނީ ވަރަށް ބޮޑަށް ވީރާނާވެފައެވެ.
މިއަދު ހެނދުނު އަނބިކަބަލުން ސާޖިދާ މުޙައްމަދާއި ހަގު ދަރިފުޅާއިއެކު އެމަނިކުފާނު ރަސްފަންނަށް ޒިޔާރަތްކުރައްވައި، އެސަރަހައްދުގައި އުޅުނު އާންމު ފަރާތްތަކާއި ވަނީ ބައްދަލުކުރައްވާފައެވެ.
އެއަށްފަހު އެކްސް ގައި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައި މިދެތަން ވީރާނަވެގެންދާތީވެ ހިތާމަ ކުރައްވާކަމަށް ފާހަގަކުރަމުން، ކުރިޔަށްވުރެވެސް ހިތްފަސޭހަ ތަނަކަށް މިދެތަން ހަދަދައިދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
”މިދެތަނުގެ ރީތިކަމާއި އާރޯކަން އަނބުރާ ގެނެސްދީ އަދި ކުރިޔަށްވުރެވެސް ފުރިހަމަކޮށްދިނުމަށް ސަރުކާރުން ހާއްސަ މަސައްކަތްތަކެއް ކުރާނެކަން މާލޭގެ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް މައުލޫމާތަށްޓަކައި ދަންނަވަން“ ރައީސުލް ޖުމްހޫރިއާޔާގެ ޕޯސްޓްގައި ވިދާޅުވިއެވެ.
މިދެތަން އިތުރަށް ތަރައްޤީ ކުރުމުން މާލޭގައި ދިރިއުޅޭ ފަރާތްތަކަށާއި މާލެއަށް ޒިޔާރާތްކުރާ އެންމެހާ ފަރާތްކަށް، އާއިލާއާއި ރައްޓެހިންނާއިއެކު ހިތްތަމަޖެހޭ ވަގުތުތަކެއް ހޭދަކުރުމަށްޓަކައި މުހިންމު ތަނަކަށް ވެގެންދާނެއެވެ.



