ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހުޅުމާލޭ ފޭސް ދޭއްގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ހީނާ ވަލީދު މިރޭ ވިދާޅުވީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ހިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލޭ ފޭސް ދޭއް ގެ ރައްޔިތުންނާ ބައްދަލުކުރެއްވުން ޑިސެމްބަރު 18 ވާ ބުރާސްފަތި ދުވަހުގެރޭ 20:30 ގައި އޮންނާނެ ކަމަށެވެ.
ބައްދަލްވުން އޮންނާނީ ހުޅުމާލެ ފޭސް 2 ގެ ޞަލާޙުއްދީން ސްކޫލް ގައެވެ. ”ވީމާ ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމުގެ ދަޢުވަތު އަރުވަމެވެ.“ ހީނާ ކުރެއްވި އެކްސްގައި ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
ރައީސް ގެންދަވަނީ މާލޭގެ ހުރިހާ އަވަށްތަކެއްގެ ރައްޔިތުންނާއި ވަކިވަކީން ބައްދަލް ކުރައްވަމުންނެވެ. އެގޮތުން އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ވިލިމާލޭގެ ރައްޔިތުންނާއެވެ. އަންނަ އަންގާރަ ދުވަހުގެ ރޭ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.



