ބ. އޭދަފުށީގައި ހުންނަ ހިތްގައިމު މިސްކިތް ބިނާކުރެއްވި މުހައްމަދު އަލީ އަވަހާރަވުމުން ރައީސް ތައުޒިޔާ ވިދާޅުވެއްޖެއެވެ.
އޭދަފުށީ، ޑޭޒީވިލާ، މުހައްމަދު އަލީ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުހައްމަދު އަލީއަކީ ބ.އޭދަފުށްޓަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ޤަދަރުވެރި ބޭފުޅެއްކަމަށެވެ.
އެގޮތުން އޭދަފުށީގެ ތަރައްޤީއަށް، އެ ރަށުގައި ވިޔަފާރިއާއި ދަތުރުފަތުރާއި މަސްވެރިކަން ކުރިއެރުވުމަށާއި، އިޖްތިމާޢީ ކަންކަމަށް މުހައްމަދު އަލީ ކުރެއްވި ހިދުމަތްތައް ރައީސް ފާހަގަކުރެއްވިއެވެ. ވަކީން ޚާއްޞަކޮށް މިސްކިތް ބިނާކުރެއްވުމާއި އިސްލާމް ދީނަށް ޚިދުމަތް ކުރެއްވުމަށް މުހައްމަދު އަލީ ވަނީ މުޅި ރާއްޖެއަށް ނަމޫނާ މަސައްކަތްތަކެއް ކޮށްދެއްވާފައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.



