ރާއްޖެއަށް ކުރިމަތިވެފައިވާ މާލީ ހީނަރުކަމުން އަލުން އަނބުރާ ސްޓެބިލިޓީއަށް އައިސްފައިވާކަން ބައިނަލްއަގުވާމީ ކްރެޑިޓް ރޭޓިން އޭޖެންސީ މޫޑީސްއިން އިއުލާންކުރުމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ތައުރީފް ކުރައްވައިފިއެވެ.
މޯލްޑިވްސް އެމްއެސްއެމްއީ އެވޯޑް 2025 ހަފްލާގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، މޫޑީސްއިން ދާދިފަހުން ރާއްޖޭގެ ކްރެޑިޓް ރޭޓިން ”ސީއޭއޭ2“ ގައި ދަމަހައްޓައި، ކުރިން އޮތް ”ނެގެޓިވް“ އައުޓްލުކް ”ސްޓޭބަލް“ އަށް ބަދަލުކުރުމަކީ، ރާއްޖޭގެ ވިޔަފާރިވެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި ޔަގީންކަމެއް ކަމަށެވެ.
”މޫޑީސްއިން ރާއްޖޭގެ އައުޓްލުކް ސްޓޭބަލް ކަމަށް ވަނީ ކަނޑައަޅާފައި. މިއީ، ކުދި ވިޔަފާރިތަކާއި ޖުމްލަކޮށް ހުރިހާ ވިޔަފާރިތަކަށް ލިބޭ ބޮޑު ހިތްހަމަޖެހުމެއް އަދި ލިބޭ ޔަގީން ކަމެއް. ވިޔަފާރިތަކަށް ބޭނުންވަނީ، މި ޔަގީންކަން. އިގްތިސާދު އޮތް ޑިޕްރެޝަނުން ސްޓެބިލިޓީއަކަށް އައިކަން އެ އިއުލާނުކުރީ،“ ސައީދު ވިދާޅުވިއެވެ.
ސައީދުގެ ވާހަކަފުޅުގައި ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު، ގައުމުގެ އިގްތިސާދީ ހާލަތު އޮތީ ވަރަށް ދަށު ދަރަޖައެއްގައިކަން ފާހަކަުރެއްވިއެވެ. ސްކޫލުތަކާއި ހޮސްޕިޓަލްތައް މޯގޭޖްކޮށް، ރާއްޖޭގެ ރޭޓިން އިންތިހާއަށް ދަށަށް ގޮސްފައި އޮތް ނަމަވެސް، ރައީސް މުއިއްޒުގެ ލީޑަޝިޕްގައި ކެތްތެރިކަމާއި ހިކުމަތްތެރިކަމާއި ވިސްނުމާއެކު ދެ އަހަރުގެ ތެރޭގައި ކާމިޔާބީތަކެއް ހާސިލުކުރެއްވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”މީގެ ފަހަތުގައި ހަގީގަތުގައި ވެސް ވަރަށް ގިނަ މަސައްކަތްތަކެއް، އަޅުގަނޑު ދަންނަވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެތްތެރިކަމާއި ޑީޕް ތިންކިން ޕްރޮސެސްގައި ފިނޭންސް މިނިސްޓަރާއި މިނިސްޓަރުންގެ ޓީމާއި އަދި އިކޮނޮމިކް ސެކްޓާގައި ހަރަކާތްތެރިވާ ހުރިހާ ސްޓޭކް ހޯލްޑަރުންނާއެކު ރައީސް ލީޑް މިކުރެއްވި ދެއަހަރަކީ ވަރަށް ކެތްތެރިކަމާ ހިކުމަތްތެރިކަމާ ވިސްނުމާއެކުގައި ކުރިޔަށް ގެންދިޔަ ދެއަހަރު ކަމަށްވާތީ ހަގީގަތުގައި ރާއްޖެ އަލުން އަނބުރާ އެ މާޔޫސްކަމާއި ޑިޕްރެޝަނުން ސްޓޭބިލިޓީއަކަށް އައިކަން މޫޑީސްއިން އިއުލާންކުރެއްވީ.“ ސައީދު ވިދާޅުވިއެވެ
ސަރުކާރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ސައީދު ފާހަގަކުރެއްވިއެވެ. އެގޮތުން 141 ޓްރެއިނިން ޕްރޮގްރާމް ހިންގައި 2500 ފަރާތަކަށް ތަމްރީން ދީފައިވާއިރު، ރާއްޖޭގައި މިހާތަނަށް ބޭއްވުނު އެންމެ ފުރިހަމަ އެމްއެސްއެމްއީ އެކްސްޕޯ ވެސް މި ސަރުކާރުން ވަނީ ބާއްވާފައެވެ.



