ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އެމްޑީޕީގެ 2028 ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައިފިއެވެ.
ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި އަލްހާން ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދަވަން އެ ޕާޓީގެ ޕްރައިމަރީ އަށް ވާދަކުރައްވާނެކަން އިއުލާން ކުރައްވައިފައެވެ.
އަލްހާން ވިދާޅުވީ އޭނަ މިކަމަށް ނުކުންނަވަން ނިންމީ ރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާ ކުރުމަށާއި ޒަމާނީ ޑިޖިޓަލް ރާއްޖެއަކަށް ގައުމު ބަދަލުކޮށް، މާލީ ގޮތުން މިނިވަން ފުދުންތެރި ގައުމަކަށް ރާއްޖެ ބައްޓަން ކުރެއްވުމުގެ ވިސްނުންތަކާ އެކީގައި ކަމަށެވެ.
ދެން ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އެމްޑީޕީން ރަސްމީކޮށް އިއުލާންކޮށްފައި ވަނީ އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުން މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވި ފައްޔާޒް އިސްމާއީލް އެކަންޏެވެ. އެ ޕާޓީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ނިންމަވާފައެވެ. ނަމަވެސް އެ ދެ ބޭފުޅުން ރަސްމީކޮށް އެކަން އިއުލާން ނުކުރައްވައެވެ.
ސިޔާސީ ދާއިރާއިން އަލްހާން ދުރަށް ވަޑައިގަތީ ތޫނުއެއްޗަކުން އޭނާއަށް ދިން ހަމަލާއާ ގުޅިގެން ސީރިއަސް އަނިޔާތަކެއް ލިބުމުންނެވެ.
އަލްހާނަކީ އެމްޑީޕީގެ ނައިބު ރައީސްކަމުގައި ހުންނަވަނިކޮށް ޕާޓީން ނުހައްގުން ވަކިކުރި ބޭފުޅެކެވެ.



