އިދިކޮޅު އެމްޑީޕީގެ ވަގުތީ ޗެއާޕާސަނަކު ހޮވަން ބޭއްވި ގައުމީ މަޖިލީހުގެ ރޭގެ ބައްދަލުވުން ހޫނުވެ، ނިޒާމު ގެއްލި ހުއްޓާލައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން ހުސްވީ ފައްޔާޒު އިސްމާއީލް އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
ގައުމީ މަޖިލީހުގެ ރޭގެ ޖަލްސާގައި ޗެއާޕާސަނަކަށް ތިން މެންބަރެއްގެ ނަން ހުށަހަޅައި ތާއީދު ލިބުނެ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު އަސްލަމް އާއި އަބްދުﷲ ވަހީދު (ދިއްދޫ ވައްޑެ) އާއި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާއެވެ.
މީގެތެރެއިން ވަހީދު ވަގުތީ ޗެއާޕާސަންކަމަށް އައްޔަންކުރަން ފެނޭތޯ ގައުމީ މަޖިލީހުގެ މެންބަރުންގެ ތެރޭ ވޯޓަށް އެހުމުން ލިބުނީ 47 ވޯޓެވެ. ނަމަވެސް ފެންނަކަމަށް ކަނޑައަޅަން 48 ވޯޓު ބޭނުންވެއެވެ. އެހެންވެ ރިޔާސަތުން ނިންމީ އޭނާ މަގާމަށް އައްޔަން ކުރަން ބޭނުންވާ އަދަދަށް ވޯޓު ނުލިބުނު ކަމަށެވެ.
ދެން ހުށަހަޅާފައި ހުރިނަންތަކަށް ވޯޓަށް އަހަން ރިޔާސަތުން ތައްޔާރުވި ނަމަވެސް ގައުމީ މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުން ނިކުތުމުން ނިޒާމު ގެއްލިފައިވާ ކަމަށް ބުނެ ވަނީ ޖަލްސާ ހުއްޓާލާފައެވެ.
މިދިޔަ އާދީއްތަ ދުވަހުގެރޭ އެމްޑީޕީގެ ޗެއާޕާސަންކަމުން ފައްޔާޒު އިސްތިއުފާ ދެއްވީ ޕާޓީގެ ކަންކަން ކުރިއަށް ގެންދިއުމުގައި އޭނާއަކީ ހުރަހަކަށް ވިޔަ ނުދިނުމަށްޓަކައި ކަމަށް ވިދާޅުވެއެވެ.
ފައްޔާޒު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވި އިރު ދެން އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވެ އެވެ.



