ސްޕެނިޝް ލީގުގައި ރޭ ފަހު ވަގުތު ޖޫޑް ބެލިންހަމް ޖެހި ލަނޑުން އެލްޗޭ އަދި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމިއްޖެއެވެ.
އެލްޗޭގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މެޗުގެ 53 ވަނަ މިނެޓްގައި އެލެއިކްސް ފެބާސް ވަނީ އެލްޗޭއަށް ލީޑު ނަގައިދީފަ އެވެ. މި ގޯލާއެކު ރެއާލުން ބަދަލުތައް ގެނެސްގެން އެލްޗޭގެ ފަހަތަށް ބާރުބޮޑުކުރަން މަސައްކަތް ކުރިއިރު، މެޗުގެ 78 ވަނަ މިނެޓްގައި ޑީން ހައުސަން ވަނީ ރެއާލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.

މެޗުގެ 84 ވަނަ މިނެޓްގައި އަލްވަރޯ ރޮޑްރިގޭޒް އެލްޗޭއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިން ނަމަވެސް އޭގެ ތިން މިނެޓް ފަހުން ބެލިންހަމް ވަނީ ރެއާލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މެޗުގެ ފަހު ވަގުތުކޮޅުތެރޭ ކިލިއަން އެމްބާޕޭއަށް ކުރި ފައުލަކާ ގުޅިގެން އެލްޗޭގެ ވިކްޓަ ޗުސްޓް އަށް ދެވަނަ ރީނދޫ ކާޑާއެކު ދެއްކި ރަތްކާޑާއެކު އެޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ.
މި ނަތީޖާއާ އެކު ރެއާލް ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތީ 13 މެޗުން 32 ޕޮއިންޓާ އެކުއެވެ. ދެ ވަނައިގައި އޮތް ބާސާ އަށް 13 މެޗުން ލިބިފައިވަނީ 31 ޕޮއިންޓެވެ. ތިން ވަނައިގައި ވިޔަރެއާލް އޮތީ 13 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ.
ލީގުގައި ރެއާލް ދެން ބައްދަލުކުރާނީ ޖިރޯނާއާ އެވެ.



