ދިވެހި ތާރީޚުން ލިބޭ ފިލާވަޅުތައް ދެނެގަނެ ޤައުމުގެ ސަލާމަތަށް ޓަކައި މަސައްކަތްކުރުން އެއީ އެންމެ އިސް ވާޖިބުކަމުގައި ހަދަންޖެހޭ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު އާދަމް ނަޞީރު އިބްރާހީމް މިހެން ވިދާޅުވީ ދިވެހިން އިއްޔެ ފާހަގަކުރި ހުރަވީ ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ ދެއްވި ވީޑިޔޯ މެސެޖެއްގައެވެ.
ރާއްޖޭގައި ހުރަވީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުމާދަލްއާޚިރާ މަހުގެ ތިންވަނަ ދުވަހެވެ. އެއީ އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން (އެއްވަނަ) ނުވަތަ ދޮންބަންޑާރައިން ހޮޅީންގެ ކިބައިން ރާއްޖެ މިނިވަންކުރެއްވި ދުވަހެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ހުރަވީ ދުވަސް ފާހަގަކުރީ ހިޖުރައިން 1400 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ ތިންވަނަ ދުވަހުއެވެ. އެއީ މީލާދީ ތާރީޚުންނަމަ އެޕްރީލް 18، 1980 އެވެ.
ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ ހުރަވީ ދުވަހުގެ ހާދިސާތަކުގެ ވާހަކަތައް ދައްކާއިރު އަލި ފަރާތަކާއި އަނދިރި ފަރާތެއް އެ ހަދިސާތަކުގައި ވާ ކަމަށެވެ.
”އަނދިރި ފަރާތަކީ ބޭރުގެ އަދާވާތްތެރިންނަށް ހިތްވަރުދިނުމާއި މި ކަން ރޭވުމުގައި ދިވެހި ޤައުމަށް ވަފާތެރި ނޫން ޚިޔާނާތްތެރި ޣަދަރުވެރި ދިވެހީންގެ ބަޔަކު ހިމެނުނުކަން. އަލި ފަރާތަކީ ދިވެހި ޤައުމު ސަލާމަތްކުރުމަށް، ދިވެހި ޤައުމު މިނިވަންކުރުމަށް، ދިވެހި ދައުލަތުގެ ޙިމާޔަތުގައި މުލީގޭ ދޮންޙަސަންމަނިކުފާނާ އެކީގައި ޤައުމާއި މާތްވެގެން އިސްލާމްދީނަށް ވަފާތެރި ދިވެހީންތަކެއް ވި ޤުރުބާނީ، މަތިވެރި ޖިހާދު،“ ވަޒީރު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޤައުމުގެ ދިފާއުގައި މަސައްކަތްކުރުމަކީ ކޮންމެ ދިވެއްސެއްގެ މައްޗަށް އޮތް ވާޖިބެއްކަން ހުރަވީ ދުވަސް އަޅުގަނޑުމެންނަށް އަންގައިދޭ ކަމަށެވެ. ޤައުމަށް ދެރަގޮތް ދޭން ބޭރުގެ ބަޔަކާ ގުޅިގެން ކުރެވޭ މަސައްކަތުން އޭގެ ދެރަ ހުރިހާ ދިވެހީންނަށާއި މުޅި ދިވެހި ދައުލަތަށް ލިބޭކަން ހުރަވީ ދުވަހު ބުނެދޭކަމަށް ވެސް ވަޒީރުގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.
”މިދުވަހު ފާހަގަކުރޭވެ ވަރަށް މުހިއްމު އެހެންކަމެއް ވެސް އެބައޮތް. އެއީ ބޭރުގެ ފަރާތްތަކާ ގުޅިގެން ދިވެހި ޤައުމުގެ ވެރިކަން، ޤާނޫނީ ވެރިކަން ފުރޮޅާލުމަށް މަސައްކަތް ކުރި ދިވެހީން، ބޭރުގެ ފަރާތްތަކަށް ބާރުލިބުމާއެކު، އެމީހުންގެ ފުރާނަޔަށް ނުރައްކާވެ އެމީހުން ނައްތާލިކަން. އެހެންވީމާ ދިވެހި ޤައުމަށް ވަފާތެރިވުން އެއީ ދިވެހިންނަށް އެންމެ ހެޔޮ ގޮތް،“ އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހީންގެ ތާރީޚާއި، ތަރިކައާއި، އާދަކާދަ އަދި ދިވެހީންގެ އަސްލުތައް އަދުގެ ޖީލުތަކަށް ފޯރުކޮށްދެއްވުމަށް ކުރައްވާ މަސައްކަތްޕުޅުގެ މައިގަނޑު އެއް މަޤުސަދަކީ ދިވެހި ޤައުމުގެ ސަލާމަތަށްޓަކައި މަސައްކަތް ކުރުމާއި ދިވެހި ދަޢުލަތް އަންނަން އޮތް ޒަމާންތަކަށް ދަމަހައްޓައިދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޙަޤީޤަތުގައި ދިވެހިރާއްޖެ މިހިސާބަށް ދެމިގެން އައީ، އަދި ދިވެހިންގެ ދައުލަތް މިއަދާ ހަމައަށް ދެމިއޮތީ، ދިވެހީންގެ ކިބައިގައި ހުރި ކޮން ކަހަލަ ވަފާތެރިކަމަކުންކަމާއި ދިވެހީން އަބަދުވެސް މިޤައުމު ސަލާމަތްކުރަން ވީ ކޮން ކަހަލަ ޤުރުބާނީތަކަކުންކަން އަދުގެ ޖީލުތަކަށް ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުޢިއްޒު ކުރައްވާ މަސައްކަތްޕުޅުގެ މަޤުސަދެއް ކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން ދެރަކޮށް ކަންކަން ކުރި ފަރާތްތައް، ދެރަކޮށް ކަންކަން ކުރުމުން އޭގެ ސަބަބުން ޤައުމަށް ލިބުނު ގެއްލުންތަކާއި ނުރައްކާތައް އަދުގެ ޖީލުތަކަށް، ތާރީޚުގެ ފިލާވަޅުތަކުގެ ތެރެއިން ލިބިގެން ދިއުމަކީ ވެސް މިސަރުކާރުން ކުރާ މަސައްކަތްތަކުގެ މަޤުސަދެއް ކަމުގައި ވެސް ވަޒީރު ވިދާޅުވިއެވެ.
”އެހެންވީމާ ހުރަވީ ދުވަސް އަޅުގަނޑުމެން ފާހަގަކުރާއިރު ވެސް މިދެންނެވި ފިލާވަޅު، ޤައުމަށް ވަފާތެރިވުމުގެ ފިލާވަޅު، ޤައުމަށް ތެދުވެރިވުމުގެ ފިލާވަޅު، ޤައުމުގެ ދިފާޢުގައި އަބަދު ހޭލާ ތިބުމުގެ މުހިއްމުކަމުގެ ފިލާވަޅު، މި ދުވަސް އަޅުގަނޑުމެންނަށް އަބަދުވެސް ހަނދާން އެބަކޮށްދޭ.“ ވަޒީރުގެ ޚިޠާބު ނިންމަވާލައްވަމުން ވިދާޅުވިއެވެ.



