އަބްރަހަމް އެއްބަސްވުމާއި ދިގު ޒަމާންތަކެއް ވަންދެން ދެމިއޮތް އިސްރާއީލާއި ފަލަސްތީނުގެ މައްސަލައަށް ދެ ދައުލަތުން ހައްލެއް ހޯދުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި މަޝްވަރާ ކުރައްވާފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެއެވެ.
އިއްޔެ ނޫސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި ސައުދިގެ ވަލީއަހުދު ވިދާޅުވީ އޭނާގެ ގައުމުން އިސްރާއީލާ އެއްކޮށް އޮންނަ ގުޅުން ބަދަހި ކުރުމަށް ”ވީހާވެސް އަވަހަކަށް“ މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަމަވެސް މިކަން ހާސިލުވާނީ ފަލަސްތީނަށް އަމިއްލަ ގައުމެއްގެ ދަރަޖަ ލިބޭކަން ކަށަވަރުއްވުމުން ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
”އަޅުގަނޑުމެން ބޭނުންވަނީ އަބްރަހަމް އެއްބަސްވުންތަކުގެ ބައެއްގެ ގޮތުގައި ތިބެން. އެކަމަކު ދެ ދައުލަތުގެ ހައްލެއްގެ ސާފު މަގެއް ކަށަވަރުކޮށްދޭކަން ވެސް ޔަގީން ކުރަން،“. ޓްރަމްޕާ އެކު އޯވަލް އޮފީހުގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވަލީއަހިދު ވިދާޅުވިއެވެ.
އަބްރަހަމް އެއްބަސްވުންތަކަކީ މެދުއިރުމައްޗާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސުލްހަ ދެމެހެއްޓުމާއި ހަރުދަނާކުރުމުގެ މުހިންމުކަން ދެނެގަނެ، އެއްބަޔަކު އަނެއްބަޔަކަށް ވިސްނައި، އެއްބަޔަކު އަނެއްބަޔަކަށް ދިރިއުޅެވޭނެ ގޮތް ހެދުމާއި، ދީނީ މިނިވަންކަން ހިމެނޭ ގޮތަށް އިންސާނީ ކަރާމާތާއި މިނިވަންކަމަށް އިހުތިރާމްކުރުމަށް އެކުލެވިފައިވާ އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގެ ދަށުން އިސްރާއީލާއި އަރަބި ބައެއް ގައުމުތަކުގެ މެދުގައި ”ޑިޕްލޮމެޓިކް ނޯމަލައިޒޭޝަން“ ގާއިމްކުރުން ހިމެނެއެވެ. ”އަޅުގަނޑުމެން އެކަމަށްޓަކައި މަސައްކަތް ކުރަމުން މިދަނީ. އެއީ ވީހާވެސް އަވަހަކަށް ރަނގަޅު ހާލަތަކަށް ތައްޔާރު ކުރެވޭނެކަން ޔަގީން ކުރުމަށްޓަކައި،“ ވަލީއަހުދު އިތުރަށް ވިދާޅުވިއެވެ.
ރައީސް ޓްރަމްޕް ވަނީ މެދުއިރުމަތީގެ ދިގުދެމިގެންދާ ހަމަނުޖެހުންތަކަށް ދައުލަތްތަކުގެ މެދުގައި ހައްލުތަކާ އެކު އަބްރަހަމް އެއްބަސްވުންތަކުގެ މަޝްވަރާތައް ހިމެނޭ ކަމަށް ބުނެފައެވެ. އަދި ސައުދީން އެމެރިކާގައި 600 ބިލިއަން ޑޮލަރު އިންވެސްޓް ކުރަން އެއްބަސްވި ކަމަށާއި ސައުދީ ވަލީއަހުދު އިންވެސްޓްމަންޓް އެއް ޓްރިލިއަން ޑޮލަރަށް އިތުރު ކުރާނެ ކަމަށް ވައުދުވި ކަމަށް ވެސް ޓްރަމްޕް ބުނެފައި ވެއެވެ.
”އެމެރިކާއަށް 600 ބިލިއަން ޑޮލަރު އިންވެސްޓް ކުރަން އެއްބަސްވެފައިވާތީ އެކަމަށް ޝުކުރު އަދާކުރަން ބޭނުން އަދި އޭނާއަކީ އަހަރެންގެ ރަހުމަތްތެރިއެއް ކަމުން މި އަދަދު ޓްރިލިއަނަކަށް ހެދިދާނެ، އެކަމަކު އެކަމަށް އަހަރެން ޖެހޭނީ މަސައްކަތް ކުރަން،“.. ސައުދީ ވަލީއަހުދު މުހައްމަދަށް އިޝާރާތް ކުރައްވައި ޓްރަމްޕް ބުންޏޭވެ.
ޓްރަމްޕްގެ މި ވާހަކަތަކަށް ބާރުދެއްވައިވވަލީއަހުދު ވިދާޅުވީ އެމެރިކާގެ އިންވެސްޓްމަންޓް އެއް ޓްރިލިއަން ޑޮލަރަށް އިތުރުކުރާނެ ކަމަށެވެ.



