އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ހުޅުމާލޭގައި އިތުރު އިސްރަށްވެހިންގެ ނާދީއެއް ތަރައްގީކުރަނީ

އިސްރަށްވެހިންގެ އިޖުތިމާޢީ ދުޅަހެޔޮކަން އިތުރުކުރުމުގެ މަޤްސަދުގައި އިތުރު އިސްރަށްވެހިންގެ ނާދީއެއް ތަރައްޤީކުރުމަށް، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންއާއެކު މެމޮރެންޑަމް އޮފް އަންޑަސްޓޭޑިންގ (އެމްއޯޔޫ)އެއްގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި މިއަދު އުމަރު ޒާހިރު ބިލްޑިންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ވުޒާރާގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހިމް އިސްމާއިލް އަލީ އެވެ. އަދި އެޗްޑީސީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އަލީ ޒުހައިރުއެވެ.

މި އިސްރަށްވެހިންގެ ނާދީގެ މަޤުސަދަކީ، ހުޅުމާލޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ ފަރާތްތަކަށް އެންމެ ފުރިހަމައަށް ޚިދުމަތް ދެވޭނެ އިތުރު މަރުކަޒެއް ހުޅުމާލޭގައި ޤާއިމްކުރުމެވެ. އެގޮތުން، މި ނާދީވެސް ތަރައްޤީކުރަނީ އިސްރަށްވެހިން ބޭނުންވާ ޚިދުމަތްތަކާއެކު، އެ ފަރާތްތަކަށް ތަފާތު ހަރަކާތްތައް ހިންގޭނެހެންނެވެ. އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމުގެ ގޮތުން ހިތްހަމަޖައްސާލައި، އަރާމުކޮށްލަން މަޑުކޮށްލާނެ ސަރަހައްދާއި، ހިތްފަސޭހަ ކޮށްލުމަށް ބޭރަށް ނުކުމެވޭނެ ޖާގައިގެ އިތުރުން ފޮތް ކިޔުމަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާ ޖާގަވެސް އެތަނުގައި ހިމެނޭނެއެވެ.

އިސްރަށްވެހިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ ގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ތަރައްޤީ ކޮށްފައިވާ ނާދީން މިއަހަރުގެ ކުރީކޮޅު ޚިދުމަތްދޭން ފަށާ، އެތަނަށް ވަނީ އިސްރަށްވެހިންގެ ވަރަށް ބޮޑު ތަރުޙީބެއް ލިބިފައެވެ.

ގުޅުންހުރި ލިޔުންތައް