ހިޔާ ފްލެޓް ނިންމުމަށާއި ވިނަރެސް ފްލެޓު ގަތުމަށް ދޫކުރި ލޯނުތަކުގެ އިންޓްރެސްޓް ކުޑަކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ބީއެމްއެލްގައި އެދިވަޑައިގެންފިއެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސް އިން ހިޔާ ފްލެޓްތައް ނިންމުމަށް 535 ލޯނު ދޫކޮށްފައިވާކަމަށެވެ. އަދި ވިނަރެސް ފްލެޓް ގަތުމަށް 26 ލޯނު ދޫކޮށްފައިވާކަމަށެވެ.
މި ލޯންތަކަކީ ސޯޝަލް އަދި އެފޯޑަބަލް ހައުސިން މަޝްރޫއު ތަކަށް ދޫކޮށްފައިވާ ލޯނުތަކަކަށް ވުމާއެކު، މި ލޯނު ތަކަށް ލުއި ގޮތްތަކެއް ހޯދުމަށް ބޭންކް އޮފް މޯލްޑިވްސް އާއެކު މަޝްވަރާ ކުރައްވާފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
“ އެގޮތުން، ހިޔާ ފްލެޓް ތަކުގެ ފިނިޝިން ލޯނަށް މިހާރު ކަނޑައަޅާފައިވާ ޕްރޮފިޓް (އިންޓަރެސްޓް) ރޭޓް %12 އިން %10 އަށް ކުޑަ ކުރުމަށާއި، ލޯނު ދެއްކުމަށް ދަތިވެ ޑީފޯލްޓް ވެފައިވާ ފަރާތްތައް ރެގިއުލަރައިޒް ކުރެވޭނެ ޕޭމަންޓް ޕްލޭނެއް ހައްދަވައި ދެއްވުމަށް ވަނީ ބީއެމްއެލްގައި ދަންނަވާފައި.“ ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓުގައިވެއެވެ.
މީގެއިތުރުން ވިނަރެސް ފްލެޓް ގަތުމަށް ނަގާފައިވާ ލޯންތަކަށްވެސް ލުއި ގޮތެއް ހަދާދިނުމަށް ބީއެމްއެލްއަށް އަންގާފައިވާކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
ހިޔާ ފްލެޓްތަކުގެ ފިނިޝިންއަށް، އެ ތަންތަން ލިބުނު މީހުން ހަރަދުކުރި 200،000 ރުފިޔާ އަނބުރާދޭނެ ކަމަށް ރިޔާސީ ކެމްޕެއިންގައި ރައީސް މުއިއްޒު ވަނީ ވައުދުވެޑައިގެންފައެވެ. މި ވައުދު ފުއްދުމަށްޓަކައި އެ ތަންތަނުގެ ކުލިން 100،000 ރުފިޔާ ކެނޑޭ ގޮތަށް ކުއްޔަށް ވަނީ ބަދަލު ގެނެސްފަ އެވެ.



