- Advertisement -spot_img

އަތޮޅު ކައުންސިލް އުވާލަން ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިފަދައިން އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީއަށް ސަރުކާރުން އިސްލާހު ހުށަހަޅައިފިއެވެ.

އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއެވެ.

އޭނާ ހުށަހެޅުއްވި އިސްލާހުގައި ވަނީ، އަތޮޅު ކައުންސިލް ވުޖޫދުކުރަން، ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ ށ. އިން ރައީސުލްޖުމްހޫރިއްޔާއަށް ދީފައިވާ ބާރު އުނިކުރަން ހުށަހަޅުއްވައިފަ އެވެ.

އަދި އަތޮޅު ކައުންސިލުން އެކުލެވިގެންވާ ގޮތް ބަޔާންކުރާ މާއްދާ އާއި އަތޮޅު ކައުންސިލުތައް އިންތިހާބު ކުރަން ވޯޓު ނަގަންޖެހޭ ގޮތް ބަޔާން ކުރާ މާއްދާ ވެސް އުނިކުރަން ޝުޖާއު ހުށަހެޅުއްވިއެވެ.

ރަށު ކައުންސިލްތަކުގެ ރައީސުންނާއި ސިޓީ ކައުންސިލްތަކުގެ މޭޔަރުން އިންތިޚާބު ކުރަންޖެހޭނީ އެ ދާއިރާއެއްގެ ރައްޔިތުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުން ކަމަށް ވެސް ގާނޫނުއަސާސީގެ 231 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ބަޔާންކޮށްފައި ވެއެވެ.

އަތޮޅު ކައުންސިލްތައް އުވާލަން އިސްލާހު ހުށަހަޅުއްވަން ރައީސް ނިންމެވީ ކަމާގުޅޭ އެކި ބޭފުޅުންގެ ލަފާގެ މަތިންނެވެ. އެ ބަދަލު ގެންނަނީ މިހާރަވުރެ ބޮޑަށް ލާމަރުކަޒީ ނިޒާމުގެ މަންފާ ރައްޔިތުންނަށް ލިބިދެވޭނެ ގޮތް ހެދުމަށެވެ.

”އެ ފަށަލަ ދުއްވާލީމާ އިތުރަށް ރައްޔިތުން ބާރުވެރި ވަނީ. ކޮންމެ ރަށެއްގެ ރަށު ކައުންސިލް ދެން މަސައްކަތް ކުރާނީ ކަމާ ބެހޭ ވުޒާރާތަކާއި ކުންފުނިތަކާ ޑައިރެކްޓްލީ. އަތޮޅު ކައުންސިލެއް ބޭނުމެއް ނުވާނެ،“ ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް