ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

އަންހެނުން ބާރުވެރިކުރުވުމަށް ސަރުކާރުން ފެށި މަސައްކަތްތަކުގެ ނަތީޖާ ދަނީ ފެންނަމުން: ޑރ. ޢާއިޝަތު ޝިހާމް

އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އަންހެނުން ބާރުވެރިކުރުވުމަށް ފެށި މަސައްކަތްތަކުގެ ނަތީޖާ ފެންނަން ފަށާފައިވާކަމަށް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ރެހެނދި އެވޯޑް ދިނުމަށް ރޭ ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސް ޑޮކްޓަރު މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު އަންހެނުންގެ ހުރި ކަންބޮޑުވުންތައް ބައްލަވައި، ވެރިކަމަށް ވަޑައިގަތުމަށްފަހު އަންހެނުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ގެނައުމަށް މަސައްކަތް ފެށިގެންދިޔަ ކަމަށެވެ.

އަންހެނުންގެ ކަންބޮޑުވުން ބެލިއިރު އެންމެ ފާހަގަކުރެވުނު ކަމަކީ ވިޔަފާރި ފެށުމަށް އަންހެނުންނަށް ލޯނު ހޯދުމުގައި ހުރި އުނދަގޫތައް ކަމަށާއި، އެގޮތުން މި ސަރުކާރުން އަންހެނުންނަށް ހާއްސަކޮށް ލޯން ސްކީމެއް ތައާރަފްކުރެވިފައިވާކަމަށެވެ. އަންހެނުންނަށް ހާއްސަކޮށް 100 މިލިއަން ރުފިޔާގެ ލޯނު ސްކީމެއް ތައާރަފްކުރެވުނުއިރު، އެލޯނުގެ 25 އިންސައްތަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަކުރެވިގެންދިޔަކަން މިނިސްޓަރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިހާތަނަށް އާއިރު 83 ފަރާތަކަށް ލޯނު ދޫކުރެވިފައިވާކަމަށާއި، މީގެ ތެރެއިން 45 އިންސައްތަ މީހުން ވިޔަފާރިފަށައިއެކަމުގެ މަންފާ އެފަރާތްތަކަށް ލިބެމުންދާކަމަށެވެ. އަދި ޒަމާނީ ޓެކްނޮލޮޖީއާ ވިޔަފާރީގެ އުކުޅުތައް ބޭނުންކޮށްގެން އަންހެނުންނަށް އަމާޒުކޮށް ވިޔަފާރީގެ ތަމްރީނުތައް ކުރިއަށްގެންދެވުނުކަން މިނިސްޓަރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުން އަންހެނުން ބާރުވެރިކޮށް ދައުލަތް ހިންގުމުގައިވެސް އެފަރާތްތަކުގެ ހިއްސާ މިއަދު އިތުރުކޮށްފައިވާކަމަށެވެ. އެގޮތުން ސަރުކާރު ހިއްސާވާ ބޯޑުތަކަށް އައްޔަނުކުރާ އަންހެނުންގެ ނިސްބަތް އިތުރުކޮށް، ސީއެމްޑިއޭ، އެންސްޕާ އަދި އާސަންދަ ފަދަ ތަންތަނުގެ އެންމެ އިސް މަގާމުތަކުގައި މިއަދި އަންހެނުން ތިބިކަން ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން އަންހެނުންނަށް ކުރާ އނިޔާ ހުއްޓުވުމަށާއި، ޤާނޫނީ ގޮތުން އަންހެނުންނަށް ލިބެންޖެހޭ ރައްކާތެރިކަން ހޯދައިދުނުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް