ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ބައެއް މުހިންމު ޚިދުމަތްތައް، ސަރުކާރުގެ އިލެކްޓްރޯނިކް ޕްލެޓްފޯމް ކަމަށްވާ ވަންގަވް (OneGov) މެދުވެރިކޮށް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިފިއެވެ.
މިކަން ފާހަގަކުރުމަށް އެންސްޕާ އިން ވަނީ ހާއްސަ ހަފްލާއެއް ބާއްވައިފައެވެ.

މި ބަދަލުގެ ސަބަބުން އެންސްޕާގެ ޚިދުމަތްތައް ރައްޔިތުންނަށް ފަސޭހަކަމާއެކު ލިބިގެންދިއުމަށް މަގުފަހިވެގެންދާނެއެވެ. އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، މިއީ ވަރަށް ދިގު އިންތިޒާރަކަށް ލިބިގެންދިޔަ ނިމުމެއްކަމަށެވެ. ”އެންސްޕާގެ ބައެއް ޚިދުމަތްތައް ވަން ގަވްގެ ތެރެއަށް އިންކޯޕަރޭޓްކުރެވި ވަން ގަވް މެދުވެރިކޮށް ރައްޔިތުންނަށް މި ޚިދުމަތް ފޯރުކޮށްދެވޭނެ މަގު ފަހިވެގެން ދިއުމަކީ ލިބިގެންދާ ވަރަށް ބޮޑު އުފަލެއް،“ ހީނާ ވިދާޅުވިއެވެ.

އެންސްޕާއިން ހާމަކުރެއްވި ގޮތުގައި، މި ބަދަލާއެކު ރައްޔިތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި، ފޯމްތައް އޮންލައިންކޮށް ޕްރޮސެސްކުރާނެ ގޮތުގެ މައުލޫމާތު ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. މީގެ މަޤްޞަދަކީ އިލެކްޓްރޯނިކްކޮށް ޚިދުމަތް ހޯދުމަށް ރައްޔިތުންނަށް ބާރުއެޅުމެވެ.
އެންސްޕާއިން އިތުރަށް ވިދާޅުވީ، މިހާރު ބައެއް ޚިދުމަތްތައް ވަންގަވްއަށް ބަދަލުވިނަމަވެސް، ވަރަށް އަވަހަށް އެޖެންސީގެ ހުރިހައި ޚިދުމަތްތަކެއް ވަންގަވް ޕްލެޓްފޯމް މެދުވެރިކޮށް ލިބޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެކަމަށެވެ. މި ފުޅާކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، ސޯޝަލް ޕްރޮޓެކްޝަންގެ ޚިދުމަތްތައް ހޯދުމަށް ރައްޔިތުންނަށް ލިބޭ ފަސޭހަތައް އިތުރުވެގެންދާނެކަމަށް ބެލެވެއެވެ.



