އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ބަންގްލަދޭޝް ގައި އަނެއްކާ ވެސް ހަމަނުޖެހުންތަކެއް

ބަންގްލަދޭޝްގެ ވެރިކަމުން ދުރުކުރެވުނު ހަސީނާގެ ޕާޓީ އިން މުޅި ގައުމު ހުއްޓުމަކަށް ގެނައުމަށް ގޮވާލުމާ އެކު އެ ގައުމުގައި ހަމަ ނުޖެހުންތައް އިތުރުވެއްޖެއެވެ.

ވެރިކަމުން ދުރުކުރެވުނު ކުރީގެ ބޮޑުވަޒީރު ޝޭޚް ހަސީނާ އާއި އޭނާގެ އަވާމީ ލީގް ޕާޓީން މުޅި ޤައުމު ”ލޮކްޑައުން“ އަކަށް ގޮވާލުމާ ގުޅިގެން ބުރާސްފަތި ދުވަހު ބަންގްލަދޭޝް ގައި ކްލާސްތަކާއި ދަތުރުފަތުރު ހުއްޓުމަކަށް އައެވެ. މިއީ ފާއިތުވި އަހަރު ހިނގި އިހުތިޖާޖުތަކުގައި އެތައް ސަތޭކަ މީހުން މަރުވުމާ ގުޅިގެން ހަސީނާގެ މައްޗަށް ކުރެވޭ ޝަރީޢަތާ ދެކޮޅަށް އެ ޕާޓީ އިސް ނަގައިގެން ކުރާ އިހުތިޖާޖެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޚާއްޞަ ޓްރައިބިއުނަލް އިން ހަސީނާގެ މައްޗަށް ކުރެވޭ ޝަރީޢަތުގެ ޙުކުމް އިއްވާނެ ތާރީޚެއް ވަރަށް އަވަހަށް އިޢުލާނު ކުރުމަށް ހަމަޖެހިފައިވެއެވެ. ހަސީނާގެ މައްޗަށް ދަޢުވާ ކުރެވިފައި ވަނީ ދަރިވަރުންގެ އިސްނެގުމުގެ ދަށުން ހިންގުނު އިހުތިޖާޖު ތަކުގައި ހިންގުނު އަނިޔާވެރި ޢަމަލުތަކާ ގުޅިގެން އިންސާނިއްޔަތާ ދެކޮޅު ކުށްތަކުގެ ތުހުމަތުގައެވެ. މި އިހުތިޖާޖުތަކުގެ ސަބަބުން ހަސީނާގެ 15 އަހަރުގެ ވެރިކަން ނިމުމަކަށް އައިސްފައިވެއެވެ. ހަސީނާ ފިލައިގެން ދިއުމަށް ފަހު މިހާރު ހުރީ އިންޑިއާ ގަ އެވެ.

ޑާކާ އާއި ބަންގްލަދޭޝްގެ އެހެން މައި ސިޓީތަކުގައި ހުރި ސްކޫލްތައް އޮންލައިން ކްލާސްތަކަށް ބަދަލު ވެފައިވާ އިރު، ބުރާސްފަތި ދުވަހު ޢާންމު ދަތުރުފަތުރަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. ވަގުތީ ސަރުކާރުން މުޅި ޤައުމުގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފަ އެވެ. މިހާރު މަނާ ކުރެވިފައިވާ އަވާމީ ލީގް ޕާޓީން އެ ޕާޓީ އަށް ތާއީދު ކުރާ ފަރާތްތަކާއި އެހެނިހެން ފަރާތްތަކަށް އިހުތިޖާޖު ކުރުމަށް ގޮވާލާފައި ވާއިރު، ސަރުކާރާއި ހަސީނާ އަށް އިދިކޮޅު ފަރާތްތަކުން އެ އިހުތިޖާޖުތައް ހުއްޓުވުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ފާއިތުވި ތިން ދުވަހުގެ ތެރޭގައި ޑާކާ އާއި އެހެނިހެން ސަރަޙައްދުތަކުގައި އަމިއްލަ އަށް ހަދާފައިވާ ބޮން ގޮއްވުމާއި އުޅަނދުފަހަރުގައި އަލިފާން ރޯކުރުމުގެ ޙާދިސާތައް ރިޕޯޓު ކުރެވިފައިވެ އެވެ. މިއީ ސިޔާސީ ހަމަނުޖެހުންތަކުގެ ދިގު ތާރީޚެއް އޮތް މި ޤައުމުގައި ހާލަތު އިތުރަށް ގޯސްވަމުންދާ ކަމުގެ ނިޝާނެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބުދަ ދުވަހުގެ ރޭ ޑާކާ ގައި ރޭލަކާއި ބަހެއްގައި ހިނގި އަލިފާނުގެ ޙާދިސާތައް ރިޕޯޓު ކުރެވިފައި ވާއިރު، އޭގެ ކުރީ ދުވަހު ޑާކާ ޔުނިވަރސިޓީ ކެމްޕަހުގައި ހަދާފައިވާ ބޮންތަކެއް ވަނީ ގޮއްވާލާފަ އެވެ.

ގުޅުންހުރި ލިޔުންތައް