ނ. މާފަރު އިންޓަނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް ބޮޑުކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާގެ ހުނާން ނަމްބަރ 6 ކުންފުންޏާއެވެ.
މި މަސައްކަތުގެ ދަށުން ޓަރމިނަލާއި އިންވެގެން ދެ ފަންގިފިލާގެ އިމާރަތެއް ތަރައްޤީކުރާނެއެވެ.
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ހިންގަމުންދަނީ ޤައުމީ އެއަރލައިން މޯލްޑިވްސް ހިންގާ ކުންފުނި ކަމުގައިވާ އައިލޭންޑް އެވިއޭޝަން ސާވިސެސް (އައިއޭއެސް) އިންނެވެ. މާފަރު އެއަރޕޯޓުގެ ޓަރމިނަލް ބޮޑުކުރުމަށް ބަޔަކާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އައިލޭންޑް އެވިއޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާސެވެ. ޗައިނާގެ ހުނާން ނަމްބަރ 6 ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ލީގަލް ރެޕްރެޒެންޓޭޓީވް ވަންގް ހީއެވެ.
މިއީ ޖުމްލަ 3.6 މިލިޔަން ޑޮލަރުގެ އެއްބަސްވުމެއް ކަމަށް އައިލޭންޑް އެވިއޭޝަނުން ބުނެއެވެ. އެއަރޕޯޓު ޓަރމިނަލާއި އިންވެގެން އަޅާ އިމާރާތަކީ މިހާރުވެސް ކުޑަވެފައިވާ ޖާގައަށް 6238 އަކަފޫޓުގެ އިތުރުވާނެ ކަމެއްކަން އައިލޭންޑް އެވިއޭޝަނުން ފާހަގަކުރައްވައެވެ. މިއާއެކު މުޅި ޖުމްލަ ޓަރމިނަލް ޖާގައަށް 12476 އަކަފޫޓުގެ އިތުރުވުމެއް ލިބިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ. މިމަޝްރޫޢު ހަވާލުކޮށްފައިވަނީ 10 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
އައު ޓަރމިނަލް އިމާރާތް އިތުރުވުމާއެކު ގިނަ ޚިދުމަތްތައް ފުޅާވެގެން ދާނެ ކަމަށް އައިއޭއެސް އިން ވިދާޅުވިއެވެ. މިގޮތުން މިހާރު ބޭނުންކުރާ އެރައިވަލް ހޯލް ބޮޑުކުރެވުމުގެ އިތުރުން ބެގޭޖް ހޭންޑްލިންގް ބެލްތް ބޮޑުކުރެވޭނެއެވެ. މީގެ އިތުރުން މަޝްރޫޢު ނިމިގެންދާއިރު ފުރަތަމަ ފަންގިފިލާގައި 60 މީހުންގެ ޖާގައިގެ ތަނަވަސް ލައުންޖެއް ޤާއިމްކުރެވޭނެ ކަމަށް އައިއޭއެސް އިން ވިދާޅުވިއެވެ. އަދި ގްރައުންޑް ފްލޯގައި 4 ސީއައިޕީ ލައުންޖް ޤާއިމްކުރެވޭނެ ކަމަށްވެސް އެކުންފުނިން ހާމަކުރެއްވިއެވެ. މި މަޝްރޫޢު ނިމުމާއެކު މާފަރު އެއަރޕޯޓުގެ ޚިދުމަތްތައް އިތުރަށް ފުޅާވެ، ދަތުރުފަތުރުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް ބެލެވެއެވެ.



