ޕާކިސްތާނުގެ އިސްލާމްއާބާދުގައި ކުރިއަށްދާ އިންޓަރ-ޕާލިމެންޓަރީ ސްޕީކާރސް ކޮންފަރެންސް (އައި.އެސް.ސީ) ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުالله ތަޤްރީރުކުރައްވައިފިއެވެ.
މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން، މަޖިލީހުގެ ރައީސް، ސުލްހަވެރިކަމާއި ސަލާމަތީ ރައްކާތެރިކަމާއި ދެމެހެއްޓެނިވި ތަރައްޤީ ދެމެހެއްޓުމަށްޓަކައި މަލްޓިލެޓަރަލް ޕާލިމެންޓަރީ އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށް ގޮވާލެއްވިއެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި، ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހާއި އެ ޤައުމުގެ ރައްޔިތުން ދެއްވި މެހެމާންދާރީއަށް އިޚްލާޞްތެރިކަމާއެކު ޝުކުރުއަދާކުރައްވައި، މި ކޮންފަރެންސް ބޭއްވުމަށް ޕާކިސްތާނުން އިސްނަގައި ކުރި މަސައްކަތަށް ތަޢުރީފުކުރެއްވިއެވެ. މީގެއިތުރުން، މިއަހަރުގެ ކުރީކޮޅު ދެކުނު ކޮރެއާގެ ސިއޯލްގައި އައި.އެސް.ސީ އުފެދުމުގެ މުހިންމުކަމަށް އަލިއަޅުއްވާލާއްވައި، އައި.އެސް.ސީއަކީ ދުނިޔޭގެ އެކި ގޮންޖެހުންތަކާ ގުޅިގެން ޕާލިމެންޓަރީ ފިޔަވަޅު އެޅުމަށް މުހިންމު ޕްލެޓްފޯމެއްގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ.
މޫސުމަށް އަންނަ ބަދަލުތަކާއި، ތެދުނޫން މަޢުލޫމާތު ފެތުރުމާއި، އިޤްތިޞާދީ ނުތަނަވަސްކަމާއި، ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން ފަދަ މައްސަލަތަކަކީ ގުޅިފައިވާ މައްސަލަތަކެއްކަން ފާހަގަކުރައްވަމުން، މަޖިލީހުގެ ރައީސް ވިދާޅުވީ، ސުލްޙައާއި ސަލާމަތާއި ތަރައްޤީއަކީ ވަކި ލަނޑުދަނޑިތަކެއް ނޫންކަމަށާއި، އެއީ ވަކިނުކުރެވޭ ހަގީގަތްތަކެއްކަމަށެވެ.
ކުޑަ ޖަޒީރާ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ތަޖުރިބާއަށް އަލިއަޅުއްވާލައްވަމުން، މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، އެއް ސަރަޙައްދެއްގައި ދިމާވާ މުސީބާތެއްގެ އަސަރު އެ ސަރަހައްދުގެ އެހެން ޤައުމުތަކަށް ވަރަށް އަވަހަށް ފޯރާނެކަން ފާހަގަކުރެއްވިއެވެ. އަދި، މަލްޓިލެޓަރަލިޒަމާއި، ހެޔޮވެރިކަމާއި، އަދި އިންސާފުވެރިކަމުގެ މައްޗަށް ބިނާވެފައިވާ ބައިނަލްއަޤްވާމީ ނިޒާމަށް ދިވެހިރާއްޖެއިން ދޭ އަޙައްމިއްޔަތުކަންވެސް ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ސާރކް އަދި އޯ.އައި.ސީ. ފަދަ ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގެ ސަބަބުން ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ޒަމާނުއްސުރެ އޮތް އެކުވެރިކަން އިތުރަށް ބަދަހިވެފައިވާކަންވެސް ފާހަގަކުރެއްވިއެވެ. އަދި، މިފަދަ ގުޅުން ދެމެހެއްޓުމަށާއި، އިންސާފުވެރިކަމާއި، އަދުލުވެރިކަމާއެކު ތަރައްޤީ ގެނައުމުގައި ޤާނޫނު ހަދާ މަޖިލިސްތަކުން ވަރަށް މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރެއްވިއެވެ.
އެ މަނިކުފާނުގެ ވާހަކަފުޅުގައި، އަންހެނުންނާއި ކުޑަކުދިންނަށް ކުރިމަތިވަމުންދާ ތަކުލީފާއި ގޮންޖެހުންތަކާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ޤާނޫނު ހަދާ މަޖިލިސްތަކުގެ އިސްވެރިންނަށް އޯގާތެރިކަމާއި ޒިންމާދާރުކަމާއެކު އަމަލު ކުރެއްވުމަށް އިލްތިމާސްކުރެއްވިއެވެ. ”ބިރުވެރިކަމާއި އަނިޔާވެރިކަމުގެ މައްޗަށް އަމާން ދުނިޔެއެއް ބިނާ ނުކުރެވޭނެ. އަމާން ދުނިޔެއެއް ބިނާކުރެވޭނީ އުއްމީދާއި އިންސާފާއި އިންސާނީ އެއްބައިވަންތަކަމުގެ މައްޗަށް“ މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ޓެރަރިޒަމްއާއި، ކަނޑުގެ އަމާންކަން ނެތުމާއި، ސައިބަރ ރިސްކުތައް ފަދަ ނުރައްކާތަކާ ދެކޮޅަށް ޤާނޫނު ހަދާ މަޖިލިސްތަކުން ހަރުކަށި ފިޔަވަޅުތަކެއް އަޅަންވެސް މަޖިލީހުގެ ރައީސް ގޮވާލެއްވިއެވެ. އަދި، ޕާލިމެންޓަރީ ޑިޕްލޮމެސީއާއި ޤާނޫނު ހަދާ މަޖިލިސްތަކުގެ އެއްބާރުލުން އިތުރުކުރުމަށް، ސިއޯލް ޑެކްލެރޭޝަންގެ މައްޗަށް ބިނާކޮށް އިސްލާމްއާބާދު ޑެކްލެރޭޝަން އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހުން އެހީތެރިވުން ފޯރުކޮށްދޭނެކަން ކަށަވަރުކޮށްދެއްވިއެވެ.
މަޖިލީހުގެ ރައީސްގެ ތަޤްރީރު ނިންމަވާލެއްވީ، ޕާކިސްތާނާއި އައި.އެސް.ސީގެ މެންބަރު ޤައުމުތަކުގެ ޤާނޫނު ހަދާ މަޖިލިސްތަކާ ގުޅިގެން ހުރިހާ ޤައުމުތަކުގެ ރައްޔިތުންނަށް ހަމަޖެހުމާއި އިންސާފާއި ތަނަވަސްކަން، އަދި ކުރިއެރުމަށް ދިވެހިރާއްޖެއިންދޭ އަޙައްމިއްޔަތުކަން ފާހަގަކުރައްވަމުންނެވެ.



