ބަޖެޓް ކޮމިޓީގެ މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް އަދި ނައިބު މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ހަމަޖައްސައިފިއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާއިރު، މިއަދު ވަނީ ބަޖެޓް ކޮމިޓީގެ ބައްދަލުވުމެއް ބާއްވާފައެވެ. ބަޖެޓް ކޮމިޓީ އެކުލެވިގެންވަނީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަދި އިގްތިސާދީ ކޮމިޓީގެ މެންބަރުންގެ މައްޗަށެވެ.
މިއަދު ބޭއްވި ބަޖެޓް ކޮމިޓީގެ ބައްދަލުވުމުގައި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވަނީ ކޮމިޓީގެ މުގައްރިރަކަށް ސަލީމް އަދި ނައިބު މުގައްރިރަކަށް ފަޒާދުގެ ނަން ހުށަހަޅުއްވާފަ އެވެ. މި ދެބޭފުޅުންގެ ނަން ކޮމިޓީން ފާސްކޮށްފައިވަނީ މެންބަރުންގެ އިއްތިފާގުންނެވެ.
މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި ވަނީ ބަޖެޓް ކޮމިޓީގެ ރިޕޯޓް ނިންމުމުގެ ސުންގަޑިއަކަށް މިމަހުގެ 19 ވަނަ ދުވަސް ކަނޑައަޅާފައެވެ.
މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައިވަނީ މިފަހަރުގެ ބަޖެޓް ބަހުސްގައި މެންބަރުންނަށް 15 މިނެޓްގެ ފުރުސަތެއް އަދި ބަޖެޓް ކޮމިޓީން ނިންމާ ރިޕޯޓަށް ވާހަކަ ދެއްކުމަށް މެންބަރުންނަށް 7 މިނެޓްގެ ފުރުސަތެއް ދިނުމަށެވެ. މީގެއިތުރުން ބަޖެޓް ބަހުސް ކުރިއަށްދާއިރު ބަޖެޓާއި ގުޅޭގޮތުން ވާހަކަ ދެއްކެވުމަށް ފިނޭންސް މިނިސްޓަރަށް 45 މިނެޓްގެ ފުރުސަތެއް ދިނުމަށްވެސް އާންމު ކޮމިޓީން ވަނީ ނިންމާފައެވެ.



