ބުދަ, ނޮވެމްބަރ 12, 2025
spot_img
- Advertisement -spot_img

ވަތަނުގެ ކުރިއެރުމަށް މުރާލިކަމާއެކު ހިދުމަތްކުރާ އިހްލާސްތެރީން ބޭނުން: ރައީސް

ވަތަނުގެ ކުރިއެރުމަށް މުރާލިކަމާއެކު ހިދުމަތްކުރާ އިހްލާސްތެރީން ބޭނުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

1988 ވަނަ އަހަރުގެ ނޮވެންބަރު ތިނެއްގައި ދިވެހި ސިފައިންނަށް ލިބުނު ނަސްރު ފާހަގަކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މާދަމާގެ އުފާވެރި ދިވެހި ރާއްޖެއެއް ބިނާކުރުމަށް އެންމެ ބޭނުންވަނީ ކޮންމެ ދާއިރާއަކުންވެސް ގައުމުގެ ކުރިއެރުމަށް އިސްކަންދީ މުރާލިކަމާއެކު ހިދުމަތް ކުރާ އިހްލާސްތެރި ފަރާތްތައް ކަމަށެވެ.

ނަސްރުގެ ދުވަހާއި ގުޅިގެން ރައީސް ކުރެއްވި ޕޯސްޓެއްގައި ވަނީ، އެ ދުވަހު ރާއްޖެ ދިފާއުކޮށްދިން ހިތްވަރުގަދަ ދަރީން ސާބިތުކޮށްދިން ކަމަށް ފާހަގަކުރައްވާފައެވެ. އަލިރަސްގެފާނާއި ބޮޑުތަކުރުފާނާއި ދޮންބަންޑާރައިން ފަދައިން، ގައުމުގެ ސިޔާދަތާއި މިނިވަންކަމަށްޓަކައި ހިތާއި ރޫހުން އިޖާބަދޭން ތިބި ފަހުލަވާނުން މި ފަސްގަނޑުގައި އަބަދުމެ ތިބޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”މިފަދަ އަގުހުރި ދަރީން މި ގައުމުގައި ގިނަކޮށްދެއްވުން އެދި ހެޔޮ ދުއާކުރަމުން، ނަސްރުގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ތަކުރާރު ކުރަން،“ ރައީސްގެ ޕޯސްޓްގައި ވެއެވެ.

1988 ވަނަ އަހަރުގެ ނޮވެންބަރު ތިނެއްގައި ދިވެހި ހާއިނުންނާއި ބޭރުގެ ނިރުބަވެރި ޖަމާއަތެއް ގުޅިގެން ދިން ކުއްލި ހަމަލާއިން ދިވެހި ސިފައިންނަށް ލިބުނު ނަސްރު ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ނަސްރުގެ ދުވަސް ރާއްޖޭގައި ފާހަގަކުރެއެވެ. މި އަހަރު ވެސް އެ ދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ރާވާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް