މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން އެކުލަވާލި މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާބެހޭ އުސޫލު އުވާލައިފިއެވެ.
މި އުސޫލު އުވާލީ މީޑިއާތަކަށް މާލީ އެހީ ދިނުމަށް އެ މިނިސްޓްރީން ކުރިއަށް ގެންދިޔަ މަރުހަލާތައް ފުރިހަމަކޮށް 18 މީޑިއާއަކަށް އެހީ ލިބޭކަން ޢިއުލާންކުރުމަށްފަހު، އެ އެހީ ދޫކުރުމަށް ކަނޑައެޅި ޢިއުލާން 30 އޮކްޓޯބަރު 2025 ގައި ބާތިލުކުރުމަށްފަހުއެވެ.
މި ޢިއުލާން ބާތިލުކޮށް، މީޑިއާތަކަށް އެހީ ދިނުމުގެ ސޮއިކުރި އިގްރާރުތައް ވެސް ބާތިލުކުރިކަން އަންގައި ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިން އެދުވަހު ބުނީ އެ މަސައްކަތް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އާއި ހަވާލުކުރަން ނިންމާފައިވާކަށެވެ. އެ މިނިސްޓްރީގެ މި ނިންމުމާއެކު އިއްޔެ ވަނީ މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމާ ބެހޭ އުސޫލު އުވައިލާފައެވެ.
ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ދިނުމުގެ އުސޫލުގެ ދަށުން 18 މީޑިއާއަކަށް 27.9 މިލިއަން ރުފިޔާ ދޫކުރަން ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީން އެއިރު ނިންމިއެވެ. އެ މީޑިއާތައް ކަނޑައެޅީ ރަޖިސްޓްރީކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ އަށް އެދި ހުށަހެޅުމަށް ދެ ފަހަރަކު ފުރުސަތު ދިނުމަށްފަހުއެވެ.
މީޑިއާތަކަށް ބަޖެޓުން ދޫކުރަނީ ބަޖެޓުގެ 0.1 އިންސައްތައެވެ. އެއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ.



