މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް ޒަމްއަތު އަހުމަދު ވަހީދު މިއަދު ހޮވައިފި އެވެ.
ގާނޫނު ބުނާގޮތުން އެ ކޮމިޝަންގެ ރައީސް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅި ނަމަވެސް ނާއިބު ރައީސްކަމަށް ބޭފުޅަކު ހޮވާނީ ކޮމިޝަންގެ ބައްދަލުވުމުގައި ކޮމިޝަންގެ މެންބަރުންގެ ތެެރެއިންނެވެ.
އެގޮތުން ކޮމިޝަންގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލާން ކޮމިޝަން ބައްދަލުވުމުގައި ފުރުސަތު ހުޅުވާލުމުން އެ މަގާމަށް ކުރިމަތިލެއްވީ ބްރޯޑްކާސްޓިން ކެޓަގަރީން މީޑިއާ ކޮމިޝަނަށް ހޮވިވަޑައިގެންނެވި ޒަމްއަތުގެ އިތުރުން އެ ކޮމިޝަންގައި އޮންލައިން މީޑިއާތައް ތަމްސީލުކުރައްވާ، މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ)ގެ ކުރީގެ ރައީސް ހުސެއިން ސަގީފެވެ.
އެ މަގާމަށް ޒަމްއަތު ހޮވިވަޑައިގެންނެވީ ހަތަރު ވޯޓުންނެވެ. ސަގީފަށް ލިބިވަޑައިގަތީ ތިން ވޯޓެވެ.
ކޮމިޝަންގެ ރައީސްގެ މަގާމަށް މަޖިލީހުން އައްޔަން ކުރަންޖެހޭ މެންބަރުންގެ ތެރެއިން މުހައްމަދު ފަރުސަތު ވަނީ އައްޔަންކޮށްފަ އެވެ.



