ހޯމަ, ޑިސެމްބަރ 8, 2025
spot_img
- Advertisement -spot_img

ރައީސުލްޖުމްހޫރިއްޔާ، ދިއްފުށީ ކައުންސިލް އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މާލެއަތޮޅު ދިއްފުށީ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ދިއްފުށީ ޕްރީސްކޫލްގައެވެ.

ރައީސުލްޖުމްހޫރިއްޔާ، ދިއްފުށީ ކައުންސިލް އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ކައުންސިލުން ވަނީ، ރަށުގައި މަތީ ސާނަވީއަށް ރަށުގައި ކިޔަވަދިނުމުގެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށާއި ޞިއްޙީ މަރުކަޒުގައި އެކްސް-ރޭ އާއި ސްކޭން ޚިދުމަތްތަކާ އަދި ކޮންފަރެންސް ހޯލެއް ގާއިމުކޮށްދެއްވައި ސައުވީސް ގަޑިއިރު ޚިދުމަތްދޭ ތަނެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ރަށުގެ ސިނާޢީ ސަރަހައްދުގައި ފެނާއިނަރުދަމާގެ ޚިދުމަތް ގާއިމުކޮށްދެއްވުމަށާއި ރަށުގައި އިތުރު މިސްކިތެއްގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވުމަށްވެސް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާ، ދިއްފުށީ ކައުންސިލް އަދި މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރު ރަށުގެ މަގުތައް ލޯކަލް ޓޫރިޒަމާ ރައްޓެހިގޮތަކަށް ތަރައްޤީކޮށްދެއްވުމަށާއި ރަށުގައި ފުލުހުންގެ އައު މަރުކަޒެއް ބިނާކުރުމުގެ މުހިންމުކަން ކައުންސިލް މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ރަށުގެ ޒުވާނުންނަށް ޚާއްޞަކޮށް ހޭންޑްބޯލް އަދި ވޮލީ ކޯޓެއްގެ އިތުރުން ރަށުގައި ޔޫތު ސެންޓަރެއް ގާއިމުކޮށްދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް