ރާއްޖެއިން ގަތަރަށް ކަނޑައެޅުއްވި ފުރަތަމަ ރެސިޑެންޓް ސަފީރު، އާދަމް ޝަރީފް އުމަރު، ސަފީރުކަމުގެ ފަތްކޮޅު ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އައްސާނީއަށް އަރުވައިފިއެވެ.
މި ރަސްމިއްޔާތު ބާއްވާފައި ވަނީ ގަތަރުގެ ދޯހާގައި ހުންނަ ލުސައިލް ގަޑުވަރުގައެވެ.
ފަތުރު އެރުވުމަށްފަހު ބޭއްވި ބައްދަލުވުމުގައި، ސަފީރު އާދަމް ޝަރީފް އުމަރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ގަތަރުގެ އަމީރަށާއި އެ ގައުމުގެ ރައްޔިތުންނަށް ހޫނު މަރުހަބާއެއްގެ އިތުރުން ހެޔޮއެދުންތައް ރައްދުކޮށްދެއްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްގީއަށް ގަތަރުން ޒަމާނުއްސުރެ ދެމުންދާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިކޮށް، ދެ ގައުމަށް ފައިދާހުރި ދާއިރާތަކުން ގުޅުން ފުޅާކުރުމަށް ރާއްޖެއިން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އާދަމް ޝަރީފް އެރުވިއެވެ.
ގަތަރުގެ އަމީރު ޝެއިޚް ތަމީމް ބިން ހަމަދު އައްސާނީ ވަނީ ސަފީރުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅިގެން މަރުހަބާ ވިދާޅުވެ، އާދަމް ޝަރީފުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. އަދި ސަފީރުގެ ދައުރުގައި ރާއްޖެއާއި ގަތަރުގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ އިތުބާރު އޮތްކަމަށް އަމީރު ވިދާޅުވިއެވެ.
ސަފީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ، ގަތަރުގައި ރާއްޖެ ތަމްސީލުކުރައްވަން ލިބިވަޑައިގަތުމަކީ ފަޚުރެއް ކަމަށާއި، ދެ ގައުމުގެ މެދުގައި އޮތް ގާތް އެކުވެރިކަމާއި އެއްބާރުލުން އިތުރު ހަރުފަތަކަށް ގެންދިއުމަށް އެމަނިކުފާނުގެ ދައުރުގައި ފުރިހަމައަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.



