ބުދަ, ނޮވެމްބަރ 12, 2025
spot_img
- Advertisement -spot_img

ސްކޭމްތަކުން މިދިޔަ ހަފްތާގައި އެކަނި ވެސް މީހުންގެ އަތުން ތިން ލައްކަ ގެއްލުނު

އޮޅުވާލައިގެން މަކަރާއި ހީލަތުން މިދިޔަ ހަފްތާގައި އެކަނި ވެސް މީހުންގެ އަތުން 300،000 އަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށް އެންޓި ސްކޭމް ސެންޓަރުން ބުނެފިއެވެ.

އެންޓި ސްކޭމް ސެންޓަރުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން މި މަހުގެ 19 އިން ފެށިގެން މި މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 35 މައްސަލައެއް ރިޕޯޓުކުރި އެވެ. އެ ސްކޭމްތަކުގައި ޖުމްލަ 372،515.59ރ. ގެއްލުނު ކަމަށާއި ފުލުހުންގެ މަސައްކަތުން އޭގެ ތެރެއިން ހޯދުނީ 148،781.94ރ. ކަމަށް އެ ސެންޓަރުން ބުންޏެވެ.

މިދިޔަ ހަފްތާގައި އެންމެ ގިނައީ އީކޮމާސް ނުވަތަ އޮންލައިން ވިޔަފާރިން ހިންގައިފައިވާ ސްކޭމްތައް ކަމަށް އެ ސެންޓަރުން ބުނެއެވެ. އެގޮތުން އެފަދަ 13 މައްސަލައެއް ވަނީ ރިޕޯޓުކޮށްފަ އެވެ. ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި ހަ ސްކޭމާއި ޝަހުސު އޮޅުވާލުމުގެ 9 މައްސަލައަކާއި ވަޒީފާ ދޭނެ ކަމަށް ބުނެ އޮޅުވާލުމާއި ފޯނުން ގުޅައިގެންނާއި އީމެއިލް މެދުވެރިކޮށް ފޮނުވާ ލިންކުތަކުން (ފިޝިންއާއި ވިޝިން) ސްކޭމް ކުރުމުގެ ހަ މައްސަލައެއް ހުށަހަޅައިފައިވެ އެވެ. އަދި ސްކޭމްތަކުގެ އެހެނިހެން އެއް މައްސަލައެއް ވެސް ރިޕޯޓުކޮށްފައިވެއެވެ.

އެ ސެންޓަރުން ބުނި ގޮތުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެންމެ ބޮޑަށް ބޭނުންކޮށްފައި ވަނީ ފޯނުކޯލާއި އައިބޭއާއި އޮންލައިން މެސެޖިން ޕްލެޓްފޯމްތަކާއި ފޭސްބުކް މާކެޓް ޕްލޭސްއެވެ.

އެންޓި ސްކޭމް ސެންޓަރުން ވަނީ އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި އަދި އެޕްލިކޭޝަންތަކުގެ ޓޫ-ފެކްޓާ އޮތެންޓިކޭޝަން ހެދުމަށް އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް