ރާއްޖޭގެ އެންމެ ބޮޑު ދުވުންކަމުގައިވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް މިއަދު ހުޅުމާލެ ސެންޓްރަލް ޕާކުގައި ފަށައިފިއެވެ.
ރާއްޖެ އާއި ބޭރުގެ އެކި ގައުމުތަކުގެ ދުވުންތެރިން ހިމަނައިގެން ފެށި ދިރާގު ރޯޑް ރޭސްގެ އެކި ދުވުންތަކުގައި ޖުމްލަ 4،500 އަށް ވުރެ ގިނަ ދުވުންތެރިން ވަނީ ބައިވެރިވެފައެވެ. މި ދުވުމަކީ އަކީ ވޯލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކުއެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް(އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދިވެހިރާއްޖޭގެ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.

ރޭ ދަންވަރު ކުރިއަށް ގެންގޮސްފައި ވަނީ ހާފް މެރެތަނެވެ. މި ދުވުން 2:30 ގައި ފެށިއިރު، ގިނަ އަދަދެއްގެ ދުވުންތެރިން ބައިވެރިވިއެވެ. އޭގެ ފަހުން ފަތިހު 5:30 ގައި 10 ކިލޯ މީޓަރުގެ ދުވުން ކުރިއަށް ގެންގޮސްފައި ވެއެވެ. މީގެ އިތުރުން މިއަދު ހަވީރު 4:30ގައި ފަސް ކިލޯ މީޓަރުގެ ދުވުން ކުރިއަށް ގެންދާނެއެވެ.

މި ދުވުން ކުރިއަށްދާ ވަގުތު، ދުވުމުގެ އިތުރުން ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ގޮތުން މިއަދު ހަވީރު ދުވާ މަގުތަކުގައި ދުވުންތެރިންނަށް ހިތްވަރުދިނުމުގެ ގޮތުން ހާއްސަ ހަރަކާތްތަކާއި، ކާބޯތަކެތި ވިއްކާ ސްޓޯލްތަކުގެ އިތުރުން އެކި ހަރަކާތްތައް ސެންޓްރަލް ޕާކުގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން، ޑީއެމްއާރްއާރް 2025 އަކީ ވެސް ދިރާގުގެ ސީއެސްއާރްޕްރޮގްރާމްގެ މައިގަނޑު އެއް ދާއިރާ ކަމަށްވާ ކުޑަކުދިންގެ ރައްކާތެރިކަމަށް ހާއްސަކޮށްފައިވާ ދުވުމެކެވެ. މި އިވެންޓްގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައިހަރަކާތްތެރިވާ އެންޖީއޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެފުރުސަތު ލިބިގެންދާނެއެވެ.

މި ގޮތުން ދިރާގުން މި އަހަރުގެ އިވެންޓުގައި އެންޑޯޒްކޮށްފައިވާ އެންޖީއޯތަކުގެ ތެރެއިން ބައިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބޭ 5 ޖަމިއްޔާއަކަށް، އެ ފަރާތްތަކުގެ ޕްރޮގްރާމްތައް ފެށުމަށް އެހީތެރިވުމުގެ ގޮތުން ޖުމްލަ 200،000 ރުފިޔާ ގެ ފައިސާގެ އެހީތެރިކަން ދިރާގުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކޮންމެބައިވެރިއެއްގެ ރަޖިސްޓްރޭޝަނުން 100 ރުފިޔާ އާއި ސްޕެޝަލް ބިބް ނަމްބަރުވިއްކައިގެން ލިބޭ ހުރިހާ ފައިސާއެއް ވެސް ހަމަހަމަކޮށް އެ ޖަމިއްޔާތަކަށް ހަދިޔާ ކުރުމަށް ވެސް ދިރާގުން ވަނީ ނިންމައިފައެވެ.



