އަންގާރަ, ޖެނުއަރީ 20, 2026
spot_img
- Advertisement -spot_img

ރާއްޖެއަށް ބޮޑު ފަޚުރެއް، އދ. ގެ ފަތުރުވެރިކަމާ ބެހޭ ޖަމްއިއްޔާގެ ބޯޑަށް މަޓީ އިންތިޚާބުކޮށްފި

އދ. ގެ ފަތުރުވެރިކަމާ ބެހޭ ޖަމްއިއްޔާގެ ބޯޑަށް މަޓީ އިންތިޚާބުކޮށްފިއެވެ.

އދ. ގެ ޓޫރިޒަމްގެ ބޯޑަށް މަޓީ އިންތިހާބުވީ 2026-2029ގެ ދައުރަށެވެ. މިއީ އެ ބޯޑަށް ދިވެހި ޖަމިއްޔާއެއް އިންތިޚާބުވި ފުރަތަމަ ފަހަރެވެ. 

އެ މަގާމަށް މަޓީ ވާދަކުރީ ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކަށް އެ ބޯޑުގައި ކަނޑައަޅާފައިވާ ދެ ޖާގައިގެ ތެރެއިން ޖާގައަކަށެވެ. އަދި އެ ބޯޑުގައި މަޓީ ތަމްސީލުކުރައްވާނީ އެ ޖަމިއްޔާގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އައްސަދު އަލީއެވެ.

އައްސަދު އެންމެ ފުރަތަމަ ބައިވެރިވެވަޑައިގަންނަވާ ބޯޑު ބައްދަލުވުން އޮންނާނީ އަންނަ މަހު 11ގައި ސައުދީ އަރަބިއްޔާގެ ރިޔާދުގައެވެ.

މަޓީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން މި ބައިނަލްއަގްވާމީ ބޯޑުގައި ހިމެނުނު ފުރަތަމަ ޖަމްއިއްޔާއެވެ. މަޓީއަށް ޔޫއެންޑަބްލިޔުޓީއޯގެ އެފިލިއޭޓް މެންބަރުކަން ލިބިފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހު ބޭއްވި ޔޫއެންޑަބްލިޔުޓީއޯގެ 23 ވަނަ އާންމު މަޖިލީހުންނެވެ.

ޔޫއެންޓީއޯގެ އެފިލިއޭޓް މެންބަރުންގެ ބޯޑަކީ އިންތިހާބީ 20 މަގާމެއް ހިމެނޭ ބޯޑެކެވެ. މި ބޯޑު އެކުލަވާލާފައިވަނީ ބައިނަލްއަގްވާމީ 6 ސަރަހައްދުން 12 ރީޖަނަލް މެންބަރުންނާއި، 8 ގްލޯބަލް މެންބަރުން ހިމެނޭ ގޮތަށެވެ.

ޔޫއެންޓީއޯގެ އެފިލިއޭޓް މެންބަރުންގެ ބޯޑުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެ ބޯޑުގެ ޕްލެނަރީ ސެޝަންތަކުގެ އިދާރީ އަދި ފަންނީ ނިންމުންތައް ނިންމުން ހިމެނެއެވެ.

އެފިލިއޭޓް މެމްބަޝިޕްގެ މަސައްކަތުގެ ޕްރޮގްރާމާ އަހަރީ މަގުސަދުތަކާ ބެހޭ އިސްތިރާޖީ ލަފާ ދިނުމާއި، އެފިލިއޭޓް މެންބަރުންގެ ޕްރޮގްރާމް އޮފް ވޯކްއާ ބެހޭ ގޮތުން ސެކްރެޓަރީ ޖެނެރަލަށް ލަފާ ދިނުންވެސް ހިމެނެއެވެ. 

މީގެ އިތުރުން، އެފިލިއޭޓް މެންބަރުކަމާ ގުޅޭ އިސްތިރާޖީ ކަންކަމުގައި ލަފާދިނުމާއި، ކޮމިޓީން ހަވާލުކުރާ މަސައްކަތްތައް ކުރުންވެސް ހިމެނެ އެވެ.

ގުޅުންހުރި ލިޔުންތައް