ބުދަ, ނޮވެމްބަރ 12, 2025
spot_img
- Advertisement -spot_img

މާބައިދޫ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ހައްދުންމަތީ މާބައިދޫ ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ އަތޮޅު މަދަރުސާގައެވެ.

ރައީސުލްޖުމްހޫރިއްޔާ، ލ. މާބައިދޫ ރަށު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި މުއައްސަސާތަކުގެ ވެރީންނާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުން ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ކައުންސިލުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި ރަށުގެ ގިރާ ސަރަޙައްދުތައް ރައްކާތެރިކޮށްދެއްވުމަށާއި، އަލަށް ގޯތި ދޫކުރެވިފައިވާ ސަރައްޙައްދަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެއްވުމާއި، ހެލްތު ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަކޮށްދެއްވުން ހިމެނެއެވެ. ހަމައެއާއިއެކު ކައުސިލް މެންބަރުން ވަނީ ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވަން އެދިވަޑައިގެން، އަދި ސްކޫލަށް ދެ ކްލާސް ރޫމާއި، މަލްޓި ޕަރޕަސް ހޯލަކާއި، ސައިންސް ލެބެއް، ވަރަށް އަވަހަށް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ލ. މާބައިދޫ ރަށު ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި މުއައްސަސާތަކުގެ ވެރީންނާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުންވެސް، ކައުންސިލް އިދާރާއަށް އައު އިމާރާތެއް ބޭނުންވާކަމާއި، އިންޑޯރ ވޮލީ ކޯޓަކާއި، ބެޑްމިންޓަން ކޯޓެއްގެ އިތުރުން، އާރު.ޓީ.އެލްގެ ޚިދުމަތް އަތޮޅުގައި ފައްޓަވައިދެއްވައި، ވެމްކޯގެ ޚިދުމަތް ރަށުގައި ފައްޓަވައިދެއްވުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް