ރާއްޖޭގެ 35 ރަށެއްގެ ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް މިމަހު ފެށޭނެ ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އާދަމް ޝަރީފު މިއަދު ވިދާޅުވީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 55 ކައުންސިލް އިދާރާގެ ތެރެއިން 20 ރަށެއްގައި އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި ބާކީ 35 ކައުންސިލްގެ އަމަލީ މަސައްކަތް މި މަހު ފެށޭނެ ކަމަށެވެ.
ރާއްޖޭގެ 55 ރަށެއްގެ ކައުންސިލް އިދާރާގެ އާ އިމާރާތް އެޅުމުގެ މަސައްކަތް 631 މިލިއަން ރުފިޔާއަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)އާ ހަވާލުކުރީ މިއަހަރުގެ އޮގަސްޓް މަހުއެވެ. މީގެ ތެރެއިން ބައެއް ރަށްރަށުގެ ކައުންސިލް އިދާރާގެ އަމަލީ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަނީ ފަށާފަ އެވެ.



