ޖިއޮގުރަފިކް ތަންތަނަށް ނަންކިޔުމުގެ އައު އުސޫލެއް ފިނޭންސް މިނިސްޓްރީން އާންމުކޮއްފިއެވެ.
މިނިސްޓްރީން ބުނީ މި އުޞޫލުގެ މަޤުޞަދަކީ ޖިއޮގުރަފިކް ތަންތަނަށް ނަން ކިޔުމަށްޓަކައި ނަން ފާސްކުރުމުގައި ބަލާނެ މިންގަނޑުތައް ކަނޑައެޅުމާއި، ނަން ކިޔުމުގައި ޢަމަލުކުރާނެ ހަމަތަކާއި އިޖުރާއަތުތައް ބަޔާންކުރުން ކަމަށެވެ. މި އުސޫލުގެ ދަށުން ރަށަކަށް ނުވަތަ ފަޅަކަށް ދީފައިވާ ނަމެއް ބަދަލުކުރުމަށް ނުވަތަ ނަމަށް ބަދަލެއް ގެނައުމަށް ހުށަހެޅޭނީ ދައުލަތުގެ އިދާރާއަކަށް ނުވަތަ އެ ތަނެއް ކުއްޔަށް ހިފައިފައިވާ ފަރާތަކަށް ނުވަތަ އެ ތަނެއް ހަވާލުކޮށްފައިވާ ފަރާތަކަށް އެކަނި ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.
މިނިސްޓްރީން ބުނީ ސަރުކާރުގެ އިދާރާއެއް ފިޔަވައި އެހެން ފަރާތަކުން ރަށަކަށް ނަމެއް ކިޔުމަށް ހުށަހެޅޭނީ އެ ފަރާތަކުން ހިއްކާފައިވާ ރަށެއް ކަމުގައިވާ ނަމައެވެ. މި އުސޫލުގެ ދަށުން ނަންކިޔުމަށް ޓަކައި ނަން ފާސްކުރުމުގެ މިންގަނޑުތަކާއި ރިއާޔަތްކުރަންޖެހޭ ކަންކަމުގެ ތެރޭގައި ދިވެހިބަހުން ކިޔާ ނަމެއް ކަމުގައިވުމާއި އާންމު އިޖުތިމާޢީ މިންގަނޑުތަކަށާއި އަޚުލާޤީ މިންގަނޑުތަކަށް ފެތޭ ނަމެއް ކަމުގައިވުން ހިމެނެއެވެ.
އަދި ކިޔަން ފަސޭހަ، ރީތި، ސާދާ ނަމަކަށްވުމާއި އެހެން ތަނަކަށް ކިޔާފައިވާ ނަމަކަށް ނުވުމާއި މީހަކަށް ކިޔާ ނަމަކަށް ނުވުން ނުވަތަ އެހެން ތަނަކަށް ކިޔާ ނަމަކަށް ނުވުން ހިމެނެއެވެ. ހަމައެހެންމެ އެ އުސޫލުގައިވާގޮތުން ރަށަކަށް ނުވަތަ ފަޅަކަށް ނަން ކިޔުމުގައި އެ ތަނެއްގެ ޤުދުރަތީ އުމުރާއި، އެ ތަނެއްގެ ނުވަތަ ސަރަޙައްދެއްގެ ތާރީޚާއި އެ ތަނެއް އޮތް ސަރަޙައްދު ނުވަތަ ހިސާބުގަނޑަށް ރިއާޔަތްކުރަންޖެހެއެވެ.
މީގެ އިތުރުން އެތަނެއް އުފެދުމުގައި ހުރި ސިފަތަކާއި އެތަނެއްގެ ކުޑަބޮޑުމިނާއި އެތަނެއްގެ ޚާއްޞިއްޔަތު ނުވަތަ އެތަނެއްގައިވާ ނުވަތަ އެތަނެއްގެ ވަށައިގެންވާ ވަސީލަތްތަކާއި ދިރުންތައް ނުވަތަ ޖިއޮލޮޖިކަލް ފީޗަރސްތަކަށްވެސް ބަލަންޖެހޭނެ ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.



