އިޒްރޭލާއި ފަލަސްތީނުގެ މެދުގައި ދެމެހެއްޓެނިވި ސުލްހައެއް އަންނާނީ އދ.ގެ ގަރާރުތަކާ އެއްގޮތަށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރެވިގެން ކަމަށް ރަޝިޔާގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއަރމަން ޑިމިޓްރީ މެޑްވެޑެވް ވިދާޅުވެއްޖެއެވެ.
ހަމާސް އާއި އިޒްރޭލާ ދެމެދު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ ވަގުތީ އެއްބަސްވުމުގެ ދަށުން އިއްޔެ ވަނީ އިސްރާއީލުން ހައްޔަރުކުރި ފަލަސްތީނުގެ އެތައް ސަތޭކަ މީހުންނެއް ތެރެއިން ބައެއް މީހުން ދޫކޮށްލާފައެވެ. އަދި ހަމާސް އިން ވެސް ވަނީ އެ ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލުގެ 20 މީހުން ހަވާލުކޮށްފައެވެ.
މިކަމަށް އިޝާރާތް ކުރަށްވައި ރަޝިޔާގެ ސެކިއުރިޓީ ކައުންސިލްގެ ޑެޕިއުޓީ ޗެއަރމަން މެޑްވެޑެވް ވިދާޅުވި ގޮތުގައި ހަނގުރާމައިގެ ބަންދުން މީހުން މިނިވަންކުރުމަކީ ހެޔޮ ކަމެއް ނަމަވެސް، އެއީ ދާއިމީ ހައްލެއް ނޫނެވެ.
”ފަލަސްތީނުގެ ފުރިހަމަ ދައުލަތެއް ގާއިމުނުކުރެވޭހާ ހިނދަކު، މި ސަރަހައްދުގައި ދާއިމީ ސުލްހައެއް ނާންނާނެ“ އޭނާ ވިދާޅުވިއެވެ.
އޮކްޓޯބަރު 2023 އިން ފެށިގެން އިޒްރޭލުގެ ހަމަލާތަކުގައި 67،800 އަށްވުރެ ގިނަ ފަލަސްތީނުން ޝަހީދުވެފައިވާއިރު، މީގެ އަޣުލަބިއްޔަތަކީ އަންހެނުންނާއި ކުޑަކުދިންނެވެ. މި ހަމަލާތަކުގެ ސަބަބުން ޣައްޒާގެ ގިނަ ސަރަހައްދުތަކަކީ މިހާރު ދިރިއުޅެން ނުކުޅެދޭ ވަރަށް ހަލާކުވެފައިވާ ތަންތަނެވެ.
އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގައި ހިމެނެނީ ހަމާސް ނުހިމެނޭ ގޮތަށް ޣައްޒާގެ އައު ވެރިކަމެއް ގާއިމުކުރުމާއި، ބައިނަލްއަގުވާމީ ބާރުތަކެއް އުފެއްދުމާއި، ހަމާސް ހަތިޔާރު ނެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދިއުމެވެ.



