ބުރާސްފަތި, އޮކްޓޯބަރ 9, 2025
spot_img
- Advertisement -spot_img

މަހިބަދޫ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ އަރިއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލް އިދާރާގައެވެ.

ރައީސުލްޖުމްހޫރިއްޔާ، އދ. މަހިބަދޫ ރަށު ކައުންސިލް އަދި އ.ތ.މ. ކޮމިޓީއާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފސް

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. މިގޮތުން ކައުންސިލުން ވަނީ، ރަށުގައި ކުނި މެނޭޖްކުރުމަށް ހުރި ދަތިތަކާއި، ބަނދަރުގައި އޮޑިދޯނިފަހަރު ފަސޭހައިން އަޅާފައި ބޭއްވޭނެ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެއިތުރުން އައު ހޮސްޕިޓަލްގެ މަސައްކަތް ގޮސްފައިވާ ހިސާބެއް އޮޅުންފިލުވައިދެއްވުމަށް ކައުންސިލް މެންބަރުން އެދިވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، އދ. މަހިބަދޫ ރަށު ކައުންސިލް އަދި އ.ތ.މ. ކޮމިޓީއާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފސް

އަދި، ރަށުގެ ބިންހިއްކުމުގެ މަޝްރޫޢާއެކުގައި ހައުސިންގ ޔުނިޓްގެ މަސައްކަތް ބާރަށް ކުރިއަށްގެންދަވައި، ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. ކައުންސިލް މެންބަރުންގެ ވާހަކަފުޅުގައި މަހިބަދޫގެ އިހްތިޞާޞްގައި ހިމެނޭ މާފަރު ފަޅު ހިއްކުމުގެ މަސައްކަތް މިއަދު ފައްޓަވައިދެއްވާފައިވާތީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް