މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕްލޭނިންގ މެދުވެރިކޮށް، ރަސްމާލެ ޑިޒައިންކޮށް ޑީޓެއިލް މާސްޓަރ ޕްލޭނެއް ތައްޔާރުކުރުމަށް ކޮންސަލްޓަންސީ ސާރވިސް ދޭނެ ފަރާތެއް ހޯދުމަށް މާލީ ވުޒާރާ އާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާއިން އިއުލާންކޮށްފިއެވެ.
ރަސްމާލެ ޑިޒައިންކޮށް ޑީޓެއިލް މާސްޓަރ ޕްލޭނެއް ތައްޔާރުކުރުމަށް ކޮންސަލްޓަންސީ ސާރވިސް ދިނުމަށް، ބޭނުންވާ ފަރާތްތަކުން މިސައްކަތަށް ”އެކްސްޕްރެޝަން އޮފް އިންޓްރެސްޓް“ (އީ.އޯ.އައި) ހުށަހެޅުމުގެ ފުރުޞަތު ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލާފަ އެވެ.
ރަސްމާލެ ޑިޒައިންކޮށް ޑީޓެއިލް މާސްޓަރ ޕްލޭނެއް ތައްޔާރުކުރުމަށް ކޮންސަލްޓަންސީ ސާރވިސް ދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށް، މާލީ ވުޒާރާ އާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާއިން ބުނެފައި ވަނީ، މި މަސައްކަތުގެ މައިގަނޑު މަޤްޞަދަކީ ކްލައިމެޓް ރިސްކް އެޑެޕްޓިވް އައިލެންޑް ޕްލޭނިންގ މޮޑެލް އުސޫލުތަކަށް ފެތޭ، އަދި ތިމާވެށީގެ ގޮތުން ދެމެހެއްޓެނިވި، އިޤްތިޞާދީ ގޮތުން ފުދުންތެރި މާސްޓަރ ޕްލޭނެއް އެކުލަވާލުން ކަމަށެވެ.
އަދި މި ޕްލޭނަކީ ދުރު ރާސްތާގެ ތަރައްޤީއަށް މަގުފަހިކޮށްދޭ، އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ބިނާކުރެވިފައިވާ ރޭވުންތެރި ޕްލޭނަކަށް ވެގެންދާނެ ކަމަށެވެ.
އެގޮތުން ކޮންސަލްޓަންސީ ދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން އެ މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކުންފުނީގެ ފަންނީ ޤާބިލު ކަން، ގުޅޭ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލްތައް މަސައްކަތްތަކުގެ އަގު އެނގޭނޭހެން، ކުންފުނީގެ މުވައްޒަފުންގެ މިފަދަ މަސައްކަތްތަކުގެ ހުނަރާއި ޤާބިލުކަން އަދި ކުންފުނީގެ މިފަދަ މަސައްކަތުގެ މަޢުލޫމާތު ހިމެނޭހެން) ހުށަހަޅަންޖެހެއެވެ.
އަދި މި ޚިދުމަތްދޭނެ ފަރާތެއް ޝޯޓްލިސްޓް ކުރުމަށް ހަމަޖެހިފައިވާ ކްރައިޓީރިއާ ޓާމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ގައި ވަނީ ހިމަނާފަ އެވެ. މި މަސައްކަތަށް ކޮންސަލްޓަންޓެއް ހޮވުމަށް ހަމަޖެހިފައި ވަނީ، ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގައި ބަޔާންކޮށްފައިވާ ކޮލިޓީ އެންޑް ކޮސްޓް ބޭސްޑް ސިލެކްޝަން (ކިއު.ސީ.ބީ.އެސް) މެތަޑް އާއި އެއްގޮތްވާ ގޮތުގެ މަތިންކަމަށް، މާލީ ވުޒާރާ އާއި ތަރައްޤީގެ ރޭވުންތެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
އެހެންކަމުން މި ކަމަމަށް ޝައުޤުވެރިވާ ފަރާތްތަކުން ”އެކްސްޕްރެޝަން އޮފް އިންޓަރެސްޓް“ ޓާމްސް އޮފް ރެފަރެންސް (ޓީ.އޯއާރު) ގައި ބަޔާންކޮށްފައިވާ ޝަރުތުތަކާއި ހުރިހާ މައުލޫމާތު ހިމެނޭހެން ހުށަހެޅުމަށް ވަނީ އެދިފަ އެވެ. އެ މިނިސްޓްރީން ބުނީ، މި މަސައްކަތްތަކަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު އަރުވާނެ ކަމަށެވެ.