އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ވިޒިޓް މޯލްޑިވްސް އިން ރާއްޖޭގެ ބުކް އޮފް ރެކޯޑްސް ލޯންޗުކޮށްފި

ގައުމީ ފަތުރުވެރިކަމުގެ ދުވަހާ ގުޅިގެން ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންއިން ރާއްޖޭގެ ބުކް އޮފް ރެކޯޑްސް ލޯންޗުކޮށްފިއެވެ.

ފަތުރުވެރިކަމާބެހޭ ވަޒީރު ތޯރިގު އިބްރާހިމް މި ފޮތް ލޯންޗުކޮށްދެއްވި ރަސްމިއްޔާތުގައި ވީއެމްސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝިއުރީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވިޒިޓް މޯލްޑިވްސް އިން ރާއްޖޭގެ ބުކް އޮފް ރެކޯޑްސް ލޯންޗުކުރުން | ފޮޓޯ: ފަތުރުވެރިކަމާ ބެހޭ ވުޒާރާ

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ސްޕޯޓްސް ޓޫރިޒަމް ހިމެނޭހެން އެކި ދާއިރާތަކުން ރާއްޖޭގެ ތަފާތުކަން ދުނިޔެއަށް ދައްކުވައިދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވީއެމްސީން މި މަޝްރޫއު ތައާރަފްކުރެއްވިއެވެ. މިއީ ރާއްޖޭގައި ހާސިލުކުރެވޭ އާދަޔާހިލާފު ކާމިޔާބީތައް ލިޔެކިޔުމުން ބަލަހައްޓައި އެފަރާތްތަކުގެ އަގު ވަޒަންކުރުމަށް ފަށާ ގައުމީ ފެންވަރުގެ މަސައްކަތެކެވެ.

ވިޒިޓް މޯލްޑިވްސް އިން ރާއްޖޭގެ ބުކް އޮފް ރެކޯޑްސް ލޯންޗުކުރުން | ފޮޓޯ: ފަތުރުވެރިކަމާ ބެހޭ ވުޒާރާ

މި ރެކޯޑް ފޮތް ހުޅުވާލާފައިވަނީ ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި ކައުންސިލްތަކާއި ސްކޫލްތައް ހިމެނޭހެން ހުރިހާ ފަރާތްތަކަކަށް ބައިވެރިވެވޭ ގޮތަށެވެ. ރެކޯޑް ހަދާ ފަރާތްތަކަށް ސެޓްފިކެޓަކާއި ކޮއިންއެއްވެސް ލިބޭނެއެވެ. ޝިއުރީ ވިދާޅުވީ މިއީ އަހަރަކަށްވުރެ ގިނަ ދުވަހުގެ މަސައްކަތުގެ ނަތީޖާ ކަމަށާއި، ޖިނިސް ވޯލްޑް ރެކޯޑްސްގެ މިންގަނޑުތަކާ އެއްގޮތަށް ވެބްސައިޓާއި އެހެނިހެން ވަސީލަތްތައް ތައްޔާރުކޮށްފައިވާ ކަމަށެވެ.

ވަޒީރު ތޯރިގު ވިދާޅުވީ މި މަސައްކަތުން ފަތުރުވެރިކަމުގެ އިތުރުން އެހެން ސިނާއަތްތަކަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ ކަމަށާއި، އަންނަ އަހަރުގެ ގައުމީ ފަތުރުވެރިކަމުގެ ދުވަހާ ހަމައަށް ގިނަ ރެކޯޑުތައް މި ފޮތުގައި ހުރުމަކީ އުންމީދެއް ކަމަށެވެ. ބުކް އޮފް ރެކޯޑްސްގެ ދަށުން ގާއިމްކުރާ ރެކޯޑުތަކުގެ ފުރިހަމަ މައުލޫމާތު ވީއެމްސީގެ ވެބްސައިޓް މެދުވެރިކޮށް އާންމުންނަށް ފެންނާނެ ގޮތަށް ބެލެހެއްޓޭނެއެވެ.

ގުޅުންހުރި ލިޔުންތައް