މީގެ ކުރިން ވެސް ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވި ރ. ދުވާފަރު ކައުންސިލުގެ ހިޔާނާތުގެ މައްސަލައެއް އަނެއްކާވެސް އޮޑިޓާ ޖެނެރަލްގެ އޮޑިޓް ރިޕޯޓެއްގައި ފާހަގަކޮށްފިއެވެ.
މިދިޔަ ބުދަ ދުވަހު އޮޑިޓާ ޖެނެރަލް ވަނީ ދުވާފަރު ކައުންސިލުގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓެއް ހާމަކޮށްފައެވެ. މިގޮތުން އެ ރިޕޯޓްގައި ބުނެފައިވާގޮތުގައި 2023 ވަނަ އަހަރު އެ ކައުންސިލުން ވަނީ ލިޔެކިޔުންތައް ފޯޖުކޮށް ފައިސާ ލިބެންވާ މީހުން ނޫން އެހެން މީހުންގެ އެކައުންޓަށް ފައިސާ ޖަމާކޮށްފައެވެ.
އެގޮތުން އެ އަހަރު ދުވާފަރު ކައުންސިލް އިދާރާގެ މުވައްޒަފަކު ފައިސާ ލިބެންވާ އަސްލު ފަރާތުން ހުށަހަޅާ ބިލްތަކުގައިވާ އެކައުންޓް ނަމްބަރުތަކުގެ ބަދަލުގައި އެ މުވައްޒަފާ ގުޅުންހުރި އެކި ފަރާތްތަކުގެ އެކައުންޓް ނަމްބަރުތައް ހިމަނައިގެން ބިލްތައް ފޯޖުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ބުނެފައެވެ. އެ ކައުންސިލުން އެ ބިލްތަކަށް ފައިސާ ދޫކޮށްފައިވަނީ އަސްލު ފައިސާ ދޫކުރަން ޖެހޭ މީހާގެ ސައްހަކަން ޔަގީން ނުކޮށް ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން އެއްބަސްވުމުގައި ސޮއިކުރުމާ ނުލައި ބިންތައް ދޫކޮށްފައިވާ ކަމަށާއި ފައިސާ ލިބޭ ކަންތައްތަކުގެ ރަޖިސްޓްރީ ފުރިހަމައަށް ބަލަހައްޓާފައި ނުވުމާއި ފައިސާ ބަލައިގަންނަން ޖެހޭ ރޭޓްތައް ކަށަވަރު ނުކުރެވުންފަދަ ކަންކަން އޮޑިޓްގައި ވަނީ ފާހަގަ ކޮށްފައެވެ. މީގެ އިތުރުން ކައުންސިލަށް ބަލައިގަންނަ ފައިސާ ގަވާއިދުން ބޭންކަށް ޖަމާކޮށްފައި ނުވުމާއި ފައިސާގެ ރަސީދު ތައްޔާރު ކުރުމުގައި ފުރިހަމަ ނޫން ކަންތައްތަކެއް ކޮށްފައިވާކަން ވަނީ ފާހަގަ ކޮށްފައެވެ.
އޮޑިޓް ރިޕޯޓްގައި އިތުރަށް ބުނެފައިވަނީ ފައިސާ ލިބެން ޖެހޭ މީހާ ނޫން އެހެން މީހުންގެ އެކައުންޓަށް 99,338 ރުފިޔާ ޖަމާ ކުރި ކަމަށެވެ. އެކަން އެ ކައުންސިލަށް ފާހަގަ ކުރެވުނު ހިސާބުން ބައެއް މީހުންގެ އަތުން އެ ފައިސާ އަނބުރާ ހޯދަން މަސައްކަތް ކޮށްފައިވާކަން އޮޑިޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވެއެވެ. އެގޮތުން މި އޮޑިޓް ރިޕޯޓް ތައްޔާރު ކުރުމާ ހަމައަށް 35,520 ރުފިޔާ އަނބުރާ ހޯދާފައިވާ ކަމަށާއި ނުލިބިވާ ފައިސާގެ އަދަދަކީ 63,818 ރުފިޔާ ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި ވެއެވެ.
މި އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި އެ ކައުންސިލަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާކަން ވަނީ ފާހަގަ ކޮށްފައެވެ. މިކަމަމާއި ގުޅިގެން މިމައްސަލަ ތަހުގީގުކޮށް ޒިންމާވާން ޖެހޭ މީހުންނާ ދޭތެރޭ ފިޔަވަޅު އެޅުމަށް އޮޑިޓާ ޖެނެރަލް ވަނީ ލަފާ ދެއްވައިފައެވެ.
މީގެ ކުރިން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން އެކުލަވާލި ދުވާފަރު ކައުންސިލްގެ ޚާއްސަ މޮނިޓަރިން ރިޕޯޓަކުން ފާހަގަ ކުރެވުނު ގޮތުގައި ދުވާފަރު ކައުންސިލުން ދެ މިލިއަން ރުފިޔާއަށް ވުރެ ބޮޑު ޚިޔާނަތެއް ހިންގިއެވެ. އެގޮތުން ޒަކާތު ފައިސާ އިންވެސް ވައްކަން ކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައިވާކަމަށް އެރިޕޯޓުގައި ވަނީ ބުނެފައެވެ.
މި މައްސަލާގައި 12 މީހެއްގެ މައްސަލަ ތަހުގީގުކޮށް ނިމުމަށް ފަހު އޭސީސީއިން ޕީޖީ އޮފީހަށް ފޮނުވުމުން އެ އޮފީހުން ވަނީ އެ މައްސަލައިގައި ކައުންސިލް މެންބަރުންނަށް ދައުވާކޮށްފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެ އޮފީހުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 97 ވަނަ މާއްދާގެ ދަށުން ނަސޭހަތުގެ އެއްބަސްވުމެއް 2023 ވަނަ އަހަރުގެ ޖޫން މަހު ވަނީ ހަދާފައެވެ.