ދިރާގް ދިވެހި ޕްރިމިއާ ލީގުގައި ރޭ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ދެކޮޅަށް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ނިއުރޭޑިއަންޑް ސްޕޯޓްސް ކުލަބުން ލީގު ތާވަލުގެ އެއްވަނައަށް އަރައިފިއެވެ.
ލީގުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ކުޅުނު ފުރަތަމަ މެޗުގައި 6-0 ގެ ނަތީޖާއަކުން ޓީސީ ސްޕޯޓްސް ކްލަބް އަތުން މޮޅުވެފައިވާއިރު، ޔުނައިޓެޑް ވިކްޓަރީގެ ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސް ކުލަބު އަތުން 4-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު މެޗު ޑޮމިނޭޓްކުރި ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ނިއުރޭޑިއަންޓުން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފަހުހާފުގެ 66 ވަނަ މިނެޓުގައެވެ. މިލަނޑު ޔޫވީގެ ޕެނަލްޓީ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު ފޯވާޑް އަލީ ފާސިރު (ސެންޓޭ) އެވެ.

ނިއުރޭޑިއަންޓުން ލީޑު ފުޅާކުރި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލްގެ މިޑްފީލްޑަރު، ގޯމޭސް ޑަ ސިލްވާ އެވެ. މިއީ ނިއުގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ބޮލުން ގޯލިގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު ލީގު ތާވަލުގެ އެއްވަނައިގައި އޮތްއިރު، މިމެޗުން ބަލިވި ޔުނައިޓެޑް ވިކްޓަރީ އިން ލީގުގައި ކުޅުނު ދެމެޗުން ވެސް ބަލިވެފައިވާއިރު، ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ތާވަލުގެ ފުލުގައެވެ.



