އާދިއްތަ, ޑިސެމްބަރ 7, 2025
spot_img
- Advertisement -spot_img

ވިލުފުށީ ކައުންސިލް އަދި މުއައްސަސާތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮޅުމަޑުލު ވިލުފުށީ ކައުންސިލާއި، އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ކޮޅުމަޑުލު ވިލުފުށީ ކައުންސިލް އިދާރާގައެވެ.

ވިލުފުށީ ކައުންސިލް އަދި މުއައްސަސާތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ކައުންސިލުން ވަނީ، ސަރުކާރުން އަލަށް އިމާރަތްކޮށްފައިވާ 100 ހައުސިން ޔުނިޓުގައި ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ޤާއިމުކުރެއްވުމަށްފަހު، ޙައްޤުވެރީންނަށް އެ ޔުނިޓުތައް އަވަހަށް ހަވާލުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. މީގެ އިތުރުން، ބަނދަރު އިތުރަށް ފުންކޮށް، ފުޅާކޮށްދެއްވުމަށާއި، ކުދި ޑިންގީއަށް ޖެޓީއެއް ހައްދަވައިދެއްވުމަށާއި، ރަށުގެ މިސްކިތް، އިސްލާމީ މަރުކަޒަކަށް ބަދަލުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

ވިލުފުށީ ކައުންސިލް އަދި މުއައްސަސާތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުން | ފޮޓޯ: ރައީސް އޮފީސް

ރަށުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކެމްޕަހެއް ޤާއިމުކޮށްދެއްވުމަށާއި، އާޓިފިޝަލް ބީޗެއް ނުވަތަ ޕިކްނިކް އައިލެންޑެއް ތަރައްޤީކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެއިތުރުން ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމާއި ރަށުގައި އެކަށީގެންވާ މިންވަރަށް ކުޅިވަރުގެ ވަޞީލަތްތައް ޤާއިމުކުރެވިފައި ނެތްކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. އަދި ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވުމަށާއި، ބަނދަރުގެ ދުވާރުގެ މަސައްކަތް ފުރިހަމަކޮށްދެއްވުމަށްވެސް މެންބަރުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ، ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް