ފުޓްބޯޅައިގައި ދެމުން އަންނަ، އިންޑިވިޖުއަލް އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ ބެލޮންޑިއޯ އެވޯޑް ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭ ކާމިޔާބު ކޮށްފިއެވެ.
ރޭ ފްރާންސްގެ ޕެރިހުގައި އޮތް ބެލޮންޑިއޯ ހަފްލާގައި ޑެމްބެލޭ މި އެވޯޑް ކާމިޔާބު ކޮށްފައިވަނީ ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިންގެ ޒުވާން ތަރި، ލެމީން ޔަމާލް އާއި ވާދަކޮށެވެ. ތިން ވަނަ އަކީ ޕީއެސްޖީގެ ޕޯޗުގީޒް މިޑްފީލްޑަރު ވިޓީނިއާއެވެ. ހަތަރު ވަނަ އަށް ލިވަޕޫލުގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު ދިޔައިރު، ފަސް ވަނަ އަކީ، ބާސެލޯނާގެ ބްރެޒިލް ވިންގާ ރަފީނިއާއެވެ.

ޑެމްބެލޭ ވަނީ މިދިޔަ ސީޒަންގައި ޕީއެސްޖީއާއިއެކު ގިނަ ކާމިޔާބީ ތަކެއް ހޯދާފައެވެ. އޭގެތެރޭގަ މުޅިން އަލަށް ޕީއެސްޖީއަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމުގައި އޭނާގެ ހިއްސާ ބޮޑެވެ. އަދި ފްރާންސް ލީގާއި ފްރާންސް ކަޕާއި، ޔުއެފާ ސްޕަކަޕް ވެސް އޭނާ ވަނީ ޕީއެސްޖީއާއިއެކު ކާމިޔާބު ކޮށްފައެވެ. މިދިޔަ ސީޒަންގައި ޑެމްބެލޭ ވަނީ ޕީއެސްޖީއަށް 35 ލަނޑު ވެސް ޖަހައިދީފައެވެ.

ބެލޮންޑިއޯ ހާސިލްކުރުމަށް ފަހު ވާހަކަ ދައްކަމުން ޑެމްބެލޭ ބުނީ ބެލޮންޑިއޯ އެވޯޑަކީ އެއްވެސް އިރެއްގައި ޓާގެޓެއް ނޫން ކަމަށާއި، މަސައްކަތްކުރީ ޕީއެސްޖީ އަށް ޗެމްޕިއަންސް ލީގު ހޯދައިދޭން ކަމަށެވެ. އަދި އޭނާއަށް މި އެވޯޑް ލިބިގެން މިދިޔައީ ޓީމުގެ މަސައްކަތުން ކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ.
21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ކެޕާ އެވޯޑް ކާމިޔާބު ކުރީ ލެމީން ޔަމާލް އެވެ. މިއީ އޭނާ މި އެވޯޑް ކާމިޔާބުކުރި ދެވަނަ ފަހަރެވެ.
އަހަރުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ ޕީއެސްޖީއަށް މުޅިން އަލަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިން ލުއިސް އެންރީކޭއެވެ. އެންމެ މޮޅު ޓީމަކަށް ހޮވުނީ ޕީއެސްޖީއެވެ. އެންމެ މޮޅު ގޯލްކީޕަރަކީ ޕީއެސްޖީ އަށް ކުޅުމަށް ފަހު މިހާރު މެންޗެސްޓާ ސިޓީ އަށް ބަދަލުވެފައިވާ އިޓަލީގެ ޖިއަންލުއިޖީ ޑޮންނަރުއްމާއެވެ. އެންމެ މޮޅު ފޯވާޑަކަށް ހޮވުނީ މިދިޔަ ސީޒަންގައި ސްޕޯޓިން ލިސްބަންގައި މޮޅު ކުޅުމެއް ދެއްކި ޔޯކަރޭސް އެވެ. މިހާރު އޭނާ ކުޅެމުން އަންނަނީ އާސެނަލަށެވެ.



