ސްޕެނިޝް ލަލީގާގައި އެސްޕަނިއޯލް އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއެކު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ރެއާލް މެޑްރިޑުން ލީގު ތާވަލުގެ ކުރީގައި ފަސް ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓްކުރިއިރު އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ޑިފެންޑަރު އެޑާ މިލީޓޯ އެވެ. މިއީ އެޓީމުގެ އުރުގުއޭ މިޑްފީލްޑަރު ފެޑަރީކޯ ވަލްވޭޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެސްޕަނިއޯލްގެ ހާފު މެދެންހާ ހިސާބު ހުރެ ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ރެއާލް މެޑްރިޑުން ލީޑު ފުޅާކުރި ލަނޑު ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ފްރާންސް ފޯވާޑް ކިލިއަން އެމްބާޕޭ އެވެ. މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގައި އޭނާ ކާމިޔާބުކުރި ފަސްވަނަ ލަނޑެވެ. އަދި މީގެ އިތުރުން ވެސް މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު ފަސް މެޗުން ވެސް މޮޅުވެ 15 ޕޮއިންޓާއެކު ރެއާލް މެޑްރިޑް ލީގު ތާވަލުގެ އެއްވަނައިގައި އޮތްއިރު، މިމެޗުން ބަލިވި އެސްޕަނިއޯލް ލީގުގައި ކުޅުނު ފަސް މެޗުން ހޯދި 10 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ.