ހޯމަ, ސެޕްޓެމްބަރ 22, 2025
spot_img
- Advertisement -spot_img

މުޖުތަމައު އިސްލާހުކުރުމުގައި އެންމެންގެވެސް ޒިންމާ ބޮޑު: ހުކުރު ޚުޠުބާ

މިއަދު ޚުތުބާ ހާއްސަކޮށްފައިވަނީ މުޖުތަމައު އިސްލާހުކުރުމުގައި އެންމެންގެ ޒިންމާގެ މައްޗަށެވެ.

ޚުތުބާގައި ބުނީ އިޖުތިމާޢީ ގޮތުންނާއި، އަޚުލާޤީ ގޮތުން މުޖުތަމަޢުތައް ފަސާދަވަނީ މާތްالله ދެއްވި މަތިވެރި ނިޢުމަތްތައް ހަނދާން ނައްތައިލުމުންނާއި، ލިބިފައިވާ ތަނަވަސްކަމަށް ބޮޑާވެ، މާތްالله އަށް އުރެދި ޣާފިލުވުމުން ކަމަށެވެ. އަދި އެ ބިމެއްގައި މާތް الله ނުރުއްސަވާ ކަންތައް ގިނަވެ، މުންކަރާތްތަކާއި ފާޙިޝު ކަންތައްތައް ޢާންމު ވެއްޖެ ނަމަ، އެ މުޖުތަމަޢެއް ފަސާދަވެ ފަނާވެދާނެ ކަމަށްވެސް ބުނެފައިވެ އެވެ.

އެހެންކަމުން މިފަދަ ކަންކަމުން މުޖުތަމަޢު ރައްކާތެރިކޮށް ދެމެހެއްޓުމަކީ އެ މުޖުތަމަޢެއްގެ އެންމެހައި ފަރުދުންނާއި، ޖަމާޢަތްތަކުގެ މައްޗަށް އޮތް ވަރަށް މަތިވެރި ވާޖިބެއް ކަމަށް ޚުޠުބާގައި ބުނެފައިވެ އެވެ.

ހުތުބާގައި ބުނިގޮތުގައި މުޖުތަމައުގައި ހިނގާ ނޭދެވޭ ކަންކަމުގެ ތެރެއިން އެއް ކަމަކީ މައިންބަފައިންނަށް އުރެދި، އެ ބައިމީހުންނަށް ނުކިޔަމަންތެރިވުމެވެ. މައިންބަފައިންނަށް އިޙުސާންތެރިވުމަކީ މާތްالله އިންސާނާއަށް ކުރައްވައިފައިވާ ވަޞިއްޔަތެއް ކަމަށާއި އެކަމަށް ވަޞިއްޔަތް ކުރައްވައިފައިވަނީ އެކަމުގެ މަތިވެރިކަމުން ކަމަށްވެސް ބުނެފައިވެ އެވެ.

ދެވަނަ ކަމަކަށް ޚުޠުބާގައި ފާހަގަކޮށްފައިވަނީ، މިސްކިތުގެ ޙުރުމަތް ކަނޑާލުމެވެ. އެގޮތުން، ނަމާދުން ފައިބާގޮތަށް މިސްކިތުގެ ދޮރޯށި ކައިރީގައި ތިބެގެން ޣީބާބުނުމާއި، ނެތިމޮށުމާއި، މީސްތަކުންނަށް ޢައިބުކިއުންފަދަ ނުބައި ކަންކަން ކުރާތަން ފެންނަކަމަށް ޚުޠުބާގައި ބުނެފައިވެ އެވެ. މިގޮތަށް ކަންކުރާ މީހުންނަށް ނަމާދުން ލިބުނު ރޫޙާނީ ފައިދާއަކީ ކޮބާތޯ، ޚުޠުބާގައި ސުވާލުކޮށްފައިވެ އެވެ. އަދި، އެމީހުންނަށް ގެއަށް ދެވުމުގެވެސް ކުރިން، ނަމާދުން ލިބުނު ޘަވާބު އަމިއްލައަށް ނަގާލަނީކަމަށް ބުނެ، މިފަދަ މީހުން ޙައްޤުގެ މަގަށް ރުޖޫޢަވުމަށް ޚުޠުބާގައި ގޮވާލާފައިވެ އެވެ.

މީގެއިތުރުން ވިޔަފާރީގައި ތެދުވެރިވުމަކީ މާތްﷲ ތަޢާލާ އެކަމުގެ ދަރުމަ ބޮޑުކުރައްވާފައިވާ އަޅުކަމެއް ނަމަވެސް، އެކަމުގައި މަކަރުހެދުމަކީ އެކަލާނގެ ލަޢުމަތް ލައްވާފައިވާ، އެކަމުގެ ޢަޛާބު ބޮޑުވެގެންވާ ކަމެއް ކަމަށް ޚުޠުބާގައި ބުނެފައިވެ އެވެ. ވިޔަފާރީގައި މަކަރާއި ޙީލަތްހަދައި، މީސްތަކުންގެ މުދާތައް ބާޠިލުގޮތުގައި ބޭނުންކޮށް، ޒަކާތް ނުދައްކައި، މުދާ ޚަޒާނާކޮށް، މުންކަރާތްތަކާއި، ބޭކާރުގޮތުގައި މުދާ އިސްރާފުކުރުމުން ނުކުންނަ ނަތީޖާއަކީ ﷲ ތަޢާލާ މުދަލުގައި ބަރަކާތް ނުލެއްވުން ކަމަށްވެސް ޚުޠުބާގައި ބުނެފައިވެ އެވެ.

ގުޅުންހުރި ލިޔުންތައް